ހުޅުމާލޭގައި އެކްސިޑެންޓު މަދުކުރަން ފިޔަވަޅު އަޅަނީ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
އެކްސިޑެންޓުތައް އިތުރުވާތީ އެޗްޑީސީއާ ފުލުހުން ބައްދަލުކުރަނީ -- ފޮޓޯ/ ފުލުހުން
ހުޅުމާލޭގައި މަގުމަތީގެ އެކްސިޑެންޓުތައް އިތުރުވާތީ އެކްސިޑެންޓުތައް މަދުކުރުމަށް ފިޔަވަޅުތައް އެޅުމަށް ހުޅުމާލެ ޕޮލިހާއި ހުޅުމާލެ ބަލަހައްޓައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ހުޅުމާލެ ޕޮލިސް ސްޓޭޝަންގައި ބޭއްވި އެ ބައްދަލުވުމުގައި މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެ، ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ، އެކްސިޑެންޓުތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
އެ ބައްދަލުވުމުގައި ހުޅުމާލެ ޕޮލިސް ހެޑް ޗީފް އިންސްޕްކެޓާ އޮފް ޕޮލިސް އިބްރާހީމް ހަލީލްއާއި، ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ހަނީފްގެ އިތުރުން ފުލުހުންގެ އިސްވެރިން ބައިވެރިވިކަމަށް އެ އިދާރާއިން ބުންޏެވެ. އަދި އެޗްޑީސީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވީ އެޗްޑީސީގެ ޕްލޭނިން ހެޑް އަހުމަދު ޝާހިދުއާއި، އެޗްޑީސީގެ އެހެނިހެން އިސްވެރިންނެވެ.
ފުލުހުން ބުނީ އެ ބައްދަލުވުމުގައި، އާންމުކޮށް އެކްސިޑެންޓުތައް ގިނައިން ހިނގާ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކާއި ބާރު ދުވެލީގައި އުޅަނދު ދުއްވާ ސަރަހައްދުތަކުގެ މައުލޫމާތު ހިއްސާކޮށް، އެ ސަރަހައްދުތަކުގައި ހިނގާ ހާދިސާތައް މަދުކުރުމަށް އެޅިދާނެ އަވަސް ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށެވެ.
އެގޮތުން، މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި އިންޖިނިއަރިން ދާއިރާއާއި، އެންފޯސްމަންޓް ދާއިރާގެ އިތުރުން އެޑިއުކޭޝަންގެ ދާއިރާއިން މަސައްކަތް ކުރުމަށް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކުރެވުނުކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމާއި، ގަވާއިދާ ހިލާފުވެ ބާރަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމަށާއި، ސުކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމާއި، ރައުންޑްއެބައުޓްތަކާއި ކަފިހިހުރަސްތަކުގެ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖުކުރުން މިހާރަށްވުރެން ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާމެދު އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށެވެ.
ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި، މަގުތަކުގެ ކަންމަތި، ކަފިހިހުރަސް އަދި ދުވާރުމަތީގައި ޕާކުކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނުކަމަށް ފުލުހުން ބުންޏެވެ. އަދި އެ އިދާރާއިން ބުނީ އުޅަނދު ދުއްވާ ފަރާތްތަކާއި ހިނގާ މީހުން ވެސް މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށެވެ.
މި ދުވަސްކޮޅު ހުޅުމާލޭގައި އަންނަނީ އެކްސިޑެންޓުވާ މިންވަރު އިތުރުވަމުންނެވެ. އެގޮތުން މިމަހުގެ 21 ވަނަ ދުވަހު އަގުބޮޑު ލަމްބޯގިނި ހުޅުމާލޭގައި ޖަހާފައިހުރި ސޯލާ ޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވިނަރެސް ފްލެޓުތައް ކައިރީ ސައިކަލަކާ ކާރެއް ޖެހި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 9 އަހަރުގެ އެންހެން ކުއްޖާ ހާލު އަދިވެސް ވަރަށް ސީރިއަސްކަމަށް އެ ކުއްޖާގެ އައިލާއިން ބުނެއެވެ
އަދި މިއަދު ހެނދުނު ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. އެ އެކްސިޑެންޓުގައި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަންއިން 62 އަހަރުގެ ދިވެހި ފިރިހެނަކަށާއި، އުމުރުން 24 އަހަރުގެ ފިރިހެނަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް