ޞިއްޙަތު

ހިމަބިހީގެ އެކްޓިވް ކޭސްތަކުގެ އަދަދު 9 ގައި، 16،000 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފި

ފާތިމަތު

ލިޔުންތެރިޔާ

ހިމަބިހީގެ އެކްޓިވް ކޭސްތަކުގެ އަދަދު 9 ގައި، 16،000 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފި

ހިމަބިހީގެ ވެކްސިން ---

މިދިޔަ މެއި މަހުން ފެށިގެން ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި (މީސަލްސް) ބަލީގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މި ވަގުތު ތިބީ 9 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން އިތުރު 9 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު، މި ބަލި ފެތުރެން ފެށި ފަހުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 252 އަށް އަރާފައެވެ. އަދި މިހާރު ފަރުވާ ހޯދަމުންދާ 9 މީހުންނާ ބައްދަލުވި (ކޮންޓެކްޓްވި) މީހުންގެ ގޮތުގައި 215 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 16،216 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ. ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުންނާއި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން، މާލެ ސަރަހައްދުގެ އެކި ހޮސްޕިޓަލްތަކުންނާއި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ކަނޑައެޅިފައިވާ ވަގުތުތަކުގައި މި ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް