ޚަބަރު

ރާއްޖެއިން ފަލަސްޠީނަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރާއްޖެއިން ފަލަސްޠީނަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ޑރ. ޒުހުރީއަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ފަލަސްތީނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ، ސަފީރު ކަމުގެ ފަތްކޮޅު އެޤައުމުގެ ސަރުކާރަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮންލައިންކޮށެވެ.

ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައަޅާފައިވާ އައު ސަފީރު، ފަތްކޮޅު އެރުވީ ފަލަސްތީނުގެ ހާރިޖީ ވަޒީރު ޑރ. ވާސެން އަޤަބެކިއަންއަށެވެ.

އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ސަފީރު ޑރ. ޒުހުރީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހި ރައްޔިތުންގެ ފަރާތުން ހެޔޮ އެދުމާއި ތަހުނިއްޔާ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއަށާއި އެ ޤައުމުގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ސަފީރު ޒުހުރީ ވަނީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުން ފާހަގަކުރައްވާފައެވެ. އަދި ސަފީރުގެ ދައުރުގެ ތެރޭގައި މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފަލަސްޠީނުގެ މައްސަލައިގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހިން އަބަދުވެސް ދެމިތިބި ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ފަލަސްތީނަކީ މިނިވަން އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ގައުމެއްކަން ދިވެހިރާއްޖެއިން ޤަބޫލުކުރާ ކަމަށާއި، އެ ގައުމުގެ ބޯޑަރު ކަނޑައަޅަންވާނީ 1967 ކުރީގެ ބޯޑަރަށް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އިރުމަތީ ުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށް ކަނޑައެޅުމާއެކު ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވެން ޖެހޭކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފަލަސްޠީނުގެ ހާރިޖީ ވަޒީރު ޑރ. ވާސެން އަގަބެކިއަން ވަނީ ސަފީރު ޒުހުރީއަށް މަރުހަބާ ދަންނަވާފައެވެ. އަދި ސަފީރުގެ މަގާމުގެ ދައުރުގައި އިތުރު ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ މަގާމުގެ ދައުރު ފުރިހަމަ ކުރައްވާނީ ރާއްޖޭގައި ހުރެގެން ކަމަށް ހާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް