20 އަހަރުން ދަށުގެ ޓީމު ކޮލިފައިންގެ ފުރަތަމަ މެޗުގައި ފުރިހަމަ މޮޅެއް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ބުރުނާއީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް
އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމު ފުރަތަމަ މެޗުގައި ބުރުނާއީއާ ދެކޮޅަށް ކުޅެ 2-0 އިން މޮޅު ވެއްޖެއެވެ.
ރާއްޖޭން މެޗުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން 20 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެން ފުރަތަމަ ގޯލު ޖެހީ އީތަން އިބްރާހިމް ޒަކީ އެވެ. އަދި 32 ވަނަ މިނިޓުގައި ނައއސާހް އިބްރާހިމް ނާސިރު ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ފޮނުވާލައިގެން ލީޑު ފުޅާ ކޮށްދިނީ މުހައްމަދު އިލާން އިމްރާންއެވެ.
ގަދަ ވިއްސާރައިގައި ކުޅުނު މި މެޗުގައި ރާއްޖޭން ވަނީ މޮޅު ކުޅުމެއް ދައްކައި، ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން މުހައްމަދު ނައިސަމް ނަދީމް އާއި އަހުޒަމް ރަޝީދަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުން ބުރުނާއީން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ ގޯލްކީޕަރު ޒަހްރާން ހަސަން ޒިޔާދު ވަނީ މޮޅު ސޭވްތަކެއް ވެސް ކޮށްފައެވެ.
ކޮލިފައިންގެ ޑެވެޮލޮޕްމަންޓް ފޭސްގައި ރާއްޖެ އާއި ބުރުނާއީ ހިމެނެނީ ސްރީލަންކާ އާއި ގުރޫޕްގެ މެޗުތައް ހޯސްޓް ކުރާ މިޔަންމާ އެވެ. މި އަހަރުގެ ކޮލިފައިން ކުރިއަށް ގެންދަނީ، ޑިވެލޮޕްމަންޓް ފޭސްގެ ގުރޫޕުން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމު، ދެން އޮންނަ ކޮލިފައިން އެއްގެ ކޮލިފައިން ފޭސް އަށް ޕްރޮމޯޓް ވާގޮތަށެވެ.
ގުރޫޕްގެ ފުރަތަމަ މެޗުގައި މިޔަންމާ ވަނީ 4-0 އިން ލަންކާ ބަލި ކޮށްފަ އެވެ.
ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ރާއްޖެ ގަޑިން ހަވީރު 5:30 ގައި ސްރީލަންކާއާ ދެކޮޅަށް ނުކުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް