އެފްޑީސީގެ ފްލެޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު ތަކެއް އަޅަން ނިންމައިފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އެފްޑީސީގެ ފެލްޓުތަކުގެ ތެރެއިން ފްލެޓެއް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓު ތަކުގައި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ ފިޔަވަޅު ތަކެއް އަޅަން ނިންމާާފައިވާ ކަަމަށް، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވެފައި ވަނީ، އެފްޑީސީގެ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގއި ކުޑަކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެ ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން އެފްޑީސީ އިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ހަމްދާން ވިދާޅުވި އެވެ.
މިގޮތުން، ހުރިހާ ޔުނިޓުތަކެއްގައި ވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު، އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓުތައް އިސްކޮށް، އެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ވެސް ހަމްދާން ވަނީ ވިދާޅުވެފައި އެވެ. އެ ޕޯސްޓުގައި ހަމްދާން ވިދާޅުވެފައި ވަނީ، މިއީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރައްވާ ކަމެއް ކަަމަށެވެ.
އެފްޑީސީ އިން ފްލެޓުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ އިސްކަމެއް ދީފައި މި ވަނީ.، ފްލެޓުތަކުގައި ހިތާމަވެރި ހާދިސާތަކެއް ހިނގަމުން އަންނަ ދަނޑިވަޅެއްގައި އެވެ. ދާދި ފަހުން ވަނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ އަމާން އުދަރެސްގެ ޓަވަރަކުން ކުއްޖަކު ވެއްޓިފައި އެވެ، އޭގެ ފަހުން ސްޓެލްކޯގެ ފްލެޓަކުން ވެސް ތުއްތު ކުއްޖަކު ވެއްޓި ނިޔާވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް