60 ހާހުން މަތިން އާމްދަނީ ލިބޭ މީހުން އާސަންދައަށް ހިއްސާވާންޖެހޭ ގޮތް ހަދަނީ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ރައީސް ޑރ. މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
އާސަންދައިގެ ނިޒާމަށް އިސްލާހީ ބަދަލެއް ގެނައުމުގެ ގޮތުން 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުން އާސަންދައަށް ކޮންމެވެސް މިންވަރެއްގެ ފައިސާއެއް ހިއްސާކުރަންޖެހޭ ގޮތަށް ނިޒާމު ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވި ދައުލަތުން ދޭ އިޖުތިމާއީ ރައްކާތެރިކަމަކީ އެކަމަށް އެންމެ ބޭނުންޖެހޭ މީހުންނަށް ދެވޭ އެހީއެއްގެ ގޮތުގައި އޮތުމަކީ ދެމެހެއްޓެނެވި ގޮތަކަށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ މުހިއްމު ފިޔަަވަޅެއްކަމަށެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ސިއްހީ ރައްކާތެރިކަމުގެ ނިޒާމު އާސަންދަ މިހާރު އޮންނަނީ މުއްސަނދިންނާއި ފަގީރުންގެ މެދުގައި ތަފާތެއް ނޯންނަ ގޮތަށް އެންމެނަށް ފުލް-ކަަވަރޭޖު ލިބޭ ގޮތަށްކަމަށެވެ. އެއީ އެންމެ ރަނގަޅު ގޮތްކަމަށް ބޭރުގެ ފަރާތްތަކާއި، ރާއްޖޭގެ މާހިރުންނާއި ސަރުކާރުންވެސް ނުދެކޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުއްސަނދިންނަށް ނުވަތަ އިންކަމް ޓެކުސް ދައްކަންޖެހޭ މިންވަރުގެ ތަނަވަސްކަން ލިބިފައި ތިބި މީހުންނަށް އާއްމުންނަަށް މިދޭ ގޮތަށް ހުރިހާ ހިދުމަތެއް ދައުލަތުގެ ހަރަދުގައި ހިލޭ ފޯރުކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަނުގަންނަވާ ކަމަށެވެ.
އަދި ރައީސް ވިދާޅުވި ގޮތުގައި އާސަންދައަށް ގެންނަ ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ. އެ ބަދަލާއެކު މި އަހަރުވެސް އާސަންދައަށް ކުރާ ހަރަދުގެ ތެރެއިން މި އަހަރުވެސް ކޮންމެވެސް މިންވަރެއް ސަލާމަތްކުރެވިގެންދާނެ ކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި މަސައްކަތް ކުރިއަށްދާ މިންވަރަކުން އެ ބަދަލާ ގުޅޭ ހުރިހާ ތަފުސީލެއް ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ހިއްސާކުރަމުންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް