ޚަބަރު

ޕީއެންސީގައި ތިބޭނީ ރުހުމުގައި ޕާޓީ އަށް ވަތް މެމްބަރުން: މިނިސްޓަރު ޝިޔާމް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޕީއެންސީގައި ތިބޭނީ ރުހުމުގައި ޕާޓީ އަށް ވަތް މެމްބަރުން: މިނިސްޓަރު ޝިޔާމް

ޕީއެންސީ އިން ބޭއްވި ޖަލްސާއެއްގައި މިނިސްޓަރު ޝިޔާާމް ވާހަކަ ދައްކަވަނީ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގައި ތިބޭނީ އަމިއްލަ ރުހުމުގައި ޕާޓީ އަށް ވަދެފައިވާ މެމްބަރުން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރުކަން ވެސް ކުރައްވަމުން އަންނަ ޝިޔާމް ވިދާޅުވީ، ޕީއެންސީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށެވެ. ޕީއެންސީގައި މިވަގުތު 77،000 މެމްބަރުން ތިބިއިރު، މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެ ޕާޓީގައި އެ މީހެއްގެ ރުހުމަކާ ނުލައި ވައްދާފައި ހުރި އެއްވެސް މެމްބަރަކު ނުހުންނާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވެފައި ވަނީ، ރާއްޖޭގައި އޮތް ގިނަ ޕާޓީ އެކުލެވޭ ނިޒާމުގައި ޕާޓީ އަށް މެމްބަރުން ވައްދަން ޖެހޭނީ އެ މީހެއްގެ އަމިއްލަ ރުހުމުގައި ކަމަށެވެ. ރާއްޖޭގެ ނިޒާމު އޮތް ގޮތުން މީގެ ކުރިން މީހުންނަށް އެނގުމަކާ ނުލައި އަދި ރުހުން ނެތި ވެސް ޕާޓީ ތަކަށް ވައްދާފައި ހުރި ކަަމަށް މިނިޝްޓަރު ޝިޔާމް ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް، މިހާރު އެ މީހެއްގެ އަމިއްލަ ރުހުން ނެތި އެއްވެސް ޕާޓީ އަކަށް ނުވެއްދޭނެ ކަމަށާއި، އެއީ ޕީއެންސީ އަށް ވެރިކަން ލިބުމުން އެ ޕާޓީ އިން ގެނެސްދީފައިވާ ބަދަލެއް ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައި އެވެ. ރައްޔިތުންގެ އިތުބާރު އޮންނަ ނިޒާމެއްގެ ތެރެއިން އެކަން ކުރުމަށްޓަކައި، ޕީއެންސީ އިން ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތއް ގެނެސްފައިވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

ޕީއެންސީގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވެފައި ވަނީ، އެ ޕާޓީ ދާނީ ކުރިއަށް ކަމަށެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިލީއިރު ޕީއެންސީ އަކީ ކުޑަ ޕާޓީ އަކަށް ވީ ނަމަވެސް، މިހާރު އެ ޕާޓީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައި އެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދު ގިނަވީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރާ މެދު އޮތް އިތުބާރު އަދި ރައީސް މުޢިއްޒު އަށް ރައްޔިތުން ކުރާ އިތުބާރުގެ ސަބަބުން ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ޝިޔާމް ވަނީ ކުރިއަށް އޮތް ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައިފަ އެވެ. އެގޮތުން މިނިސްޓަރު ޝިޔާމް ވިދާޅުވެފައި ވަނީ، އޭނާގެ އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒު އަށް ކާމިޔާބު ކޮށްދެއްވައި، ދެ ވަނަ ދައުރަކަށް ވެރިކަން ހޯއްދަވައި ދެއްވުން ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް