ފޭސް 2 ގައި މަސްބާނާ ޕްލެޓްފޯމެއް ހެދުމަށް އާންމުންގެ ހިޔާލު ހޯދަނީ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ފޭސް 2 — -
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ބުލެވާޑް ސަރަހައްދުގައި އާޓިފިޝަލް ސްވިމިންގ ޕޫލަކާއި މަސްބާނާނެ ހާއްސަ ޕްލެޓްފޯމެއް ތަރައްގީ ކުރުމުގެ މަޝްރޫއަކާ ގުޅިގެން އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ފަށައިފިއެވެ.
މި ހިޔާލު ހޯދުމުގެ ސާވޭ ކުރިއަށް ގެންދަނީ މި މަޝްރޫއުގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ތައްޔާރުކުރުމުގެ މަރުހަލާގެ ތެރެއިންނެވެ. އީއައިއޭ ގަވާއިދު ބަޔާންކުރާ ގޮތުގައި މިފަދަ ބޮޑެތި މަޝްރޫއުތައް ފެށުމުގެ ކުރިން އާންމުންނާއި ކަމާގުޅުންހުރި ފަރާތްތަކުގެ މަޝްވަރާ ހޯދުމަކީ ލާޒިމު ކަމެކެވެ.
އީއާރުއޭ އިން ހާމަކުރި ގޮތުގައި މި ސާވޭގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދު މިހާރު ބޭނުންކުރަމުންދާ ފަރާތްތަކާއި، ހާއްސަކޮށް މަސްވެރިކަމުގެ ހޮބީ ގެންގުޅޭ މީހުންނާއި މޫދަށް އެރޭ އާންމުން އެ ގޮނޑުދޮށް ބޭނުންކުރާ ގޮތް ދެނެގަތުމެވެ. މީގެއިތުރުން، އެ ސަރަހައްދުގެ މިހާރުގެ ހާލަތާ މެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި، އަލަށް ތައާރަފުކުރަން ނިންމާފައިވާ ފެސިލިޓީތަކާ މެދު ދެކޭގޮތް ދެނެގަނެ، އެކަމާ ގުޅޭ ފާޑުކިޔުންތަކާއި އިސްލާހީ ހިޔާލުތައް އެއްކުރުމެވެ.
މި ސާވޭއާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެމުން އެ އޮތޯރިޓީން ބުނީ، ސާވޭ ފޯމުގައި ހިމެނޭ ސުވާލުތަކަކީ އެއްވެސް ގޮތަކަށް ރަނގަޅު ނުވަތަ ނުބައި ޖަވާބެއް އޮންނާނެ ސުވާލުތަކެއް ނޫން ކަމަށެވެ. އަދި ބޭނުން ނޫން ނަމަ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ދޫކޮށްލުމުގެ ފުރިހަމަ އިހުތިޔާރު ވެސް ބައިވެރިންނަށް ލިބިގެންވެއެވެ.
މީގެއިތުރުން، މި ސާވޭގައި އެއްކުރެވޭ އަމިއްލަ ޒާތީ މައުލޫމާތަކީ ހަމައެކަނި ޖަވާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި އިތުރަށް ގުޅައި މައުލޫމާތު އޮޅުންފިލުވުމަށް އެކަނި ބޭނުންކުރެވޭނެ އެއްޗެއް ކަމަށް އީއާރުއޭ އިން ކަށަވަރުކޮށްދެއެވެ. އަދި އާންމުކުރާ އެއްވެސް ރަސްމީ ރިޕޯޓެއްގައި މީހުންގެ ޒާތީ މައުލޫމާތާއި ވަނަވަރު ނުހިމަނާނެ ކަމުގެ ޔަގީންކަން ވެސް އެ އިދާރާއިން ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް