އެންޑީއެމްއޭ އަށް ހުޅުމާލެ އިން ދާއިމީ ބިމެއް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އެންޑީއެމްއޭގެ އޮފީސް ހިންގާ އިމާރާތް
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މަސައްކަތްތަކަށް ހުޅުމާލެ އިން ދާއިމީ ބިމެއް ހަމަޖައްސައިފި އެވެ.
އެންޑީއެމްއޭ އިން ބުނެފައި ވަނީ، ސަރުކާރުގެ ފަރާތުން އެ އިދާރާ އަށް ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ދާއިމީ ބިމެއް ހަމަޖައްސައި، ރަސްމީކޮށް ހަވާލުކޮށްފައިވާ ކަމަށެވެ. އެ އިދާރާ އިން ބުނެފައި ވަނީ ރައީސް އޮފީހުގެ އިރުޝާދުގެ ދަށުން އެ އިދާރާ އަށް ހަމަޖައްސައިދީފައި ވަނީ 13،574 އަކަފޫޓުގެ ބިމެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވިލުންތެރި ސިޔާސަތުގެ ދަށުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ހަމަޖައްސައިދެއްވި މި ބިމުގައި، އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން ޒަމާނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
ހަމައެހެނމެ ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އިމަޖެންސީ ވެއާހައުސްއެއް އަދި ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ޚާއްސަ ފެސިލިޓީއެއް ވެސް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
އެންޑީއެމްއޭ އިން ބުނީ މި އައު ބިމާއެކު، ރާއްޖެ އަށް ދިމާވާ އެކި ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތް ތަކަށް ޤައުމީ ފެންވަރުގައި އިޖާބަ ދިނުމުގެ ގާބިލުކަން އެންޑީއެމްއޭގައި މިހާރަށް ވުރެ އެތައް ގުނައަކަށް އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް