ޚަބަރު

ރައީސް ޔާމީންވީ ޖަމީލާއި މަލީހު ނުލައި ފަޅު ރަށެއްގައި އިންނަވައިގެން ވިސްނަން: ފަލާޙު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރައީސް ޔާމީންވީ ޖަމީލާއި މަލީހު ނުލައި ފަޅު ރަށެއްގައި އިންނަވައިގެން ވިސްނަން: ފަލާޙު

ޕީއެންސީ އިން ބޭއްވި ހަރުގެ ޖަލްސާގައި ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު ވާހަކަ ދައްކަވަނީ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކުރައްވަންވީ ކަމަކީ، އެކަނި ފަޅު ރަށެއްގައި އިންނަވައިގެން އިނދެ ވިސްނުން ކަމަށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރު ގޭގައި ހޮނިހިރު ދުވަހުގެ ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާޙު ވަނީ، ސިޔާސީ ގޮތުން ހުންނަންވީ ކޮން ފަޅިއެއްގައިތޯ ރައީސް ޔާމީން ރަނގަޅަށް ވިސްނައިވަޑައިގެންނެވުމަށް އެދިފައި އެވެ. ރައީސް ޔާމީންއާ ޖަދަލުކުރަން ބޭނުން ނުވާކަން ފާހަގަ ކުރައްވައި ފަލާޙު ވިދާޅުވީ، ކުރީގެ ނައިބު ރައީސް ޑޮކްޓަރު މުޙައްމަދު ޖަމީލް އަޙުމަދު އަދި ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހު ނުލައި، ރައީސް ޔާމީން އެކަނި ފަޅު ރަށެއްގައި އިންނަވައިގެން ވިސްނެވުމަށް އެދޭ ކަމަށެވެ.

ދެތިން ދުވަސް ވަންދެން ރައީސް ޔާމީން އެކަނި ތަނެއްގައި އިންނަވައިގެން ވިސްނުމަށް އެދޭ ކަމަށް ފަލާޙު ވިދާޅުވި އެވެ. އެއާ އެކު ފަލާޙު ވިދާޅުވީ، ކުރިއަށް ތަނުގައި ފައިދާ ބޮޑުވާނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރެއްވުންތޯ، ނޫން ނަމަ އިދިކޮޅު އެމްޑީޕީ އިން ވެރިކަމަށް އައިސްގެންތޯ ރައީސް ޔާމީން ވިސްނަވަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރު ދުވަހު ރައީސް ޔާމީން ޖަލަށް ލާފައި ބެހެއްޓި ބެހެއްޓުމަށް އިޝާރާތް ކުރައްވައި ފަލާޙު ވިދާޅުވީ، ރައީސް ޔާމީން އަށް އޮތީ ދެ ގޮތެއް ކަމަށެވެ. އެގޮތުން ގޭގައި އިންނަވާނީތޯ، ނުވަތަ ކުރިން ހުންނެވި މާފުއްޓަަށް ވަޑައިގެންނެވުން ކަމަށް ފަލާޙު ފާހަގަ ކުރެއްވި އެވެ. އެކަން ފާހަގަ ކުރައްވައި ފަލާޙު ވިދާޅުވީ، އަލުން އެނބުރި މާފުއްޓަށް ވަޑައިގަންނަވަން ރައީސް ޔާމީން ބޭނުންފުޅު ނުވާނެ ކަމަށެވެ.

ފަލާޙު މިހެން ވިދާޅުވެފައި ވަނީ ޕީއެންސީ އާއި ރައީސް މުޢިއްޒުގެ ސަރުކާރަށް ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ ވަގުތެއްގައި އެވެ. ދާދި ފަހުން ރައީސް ޔާާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިމޭން އިންޤިލާބެއް ގެންނަން އުޅޭ ކަމަށް ވިދާޅުވެފައި އެވެ. ނަމަވެސް އެއީ ރަނގަޅު ވާހަކަ ތަކެއް ނޫން ކަމަށާއި، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕު އޮތީ ސަރުކާރާ އެކު ބަދަހިކޮށް ކަމަށް ފަލާޙުގެ އިތުރުން، މަޖިލިސް މެމްބަރުން ވެސް އަންނަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް