ހޯމް މިނިސްޓްރީން ތަހުގީގެއް ނުހިންގާނެ އަދި އެކަންކަމާ ބެހޭ ސިޓީއެއް ވެސް ނުފޮނުވާނެ: އިހުސާން
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މިނިސްޓަރު އަލީ އިހުސާނު --
ހޯމް މިނިސްޓްރީއަކީ ތަހުގީގުތައް ހިންގާ އިދާރާއެއް ނޫންކަމަށާއި، އެ މިނިސްޓްރީން ތަހުގީގުތަކާ ބެހޭ ގޮތުން އެއްވެސް އިދާރާއަކަށް އެއްވެސް ލިޔެކިޔުމެއް ނުފޮނުވާނެކަމަށް ހޯމް މިނިސްތަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޯމް މިނިސްޓްރީގެ ސިޓީއެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުން ދަނީ އެ މިނިސްޓްރީގެ ސިޓީއެއް ނޫންކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ އެ ސީޓީއާއެކު އިހުސާން ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވީ އެ ސިޓީއަކީ ހޯމް މިނިސްޓްރީގެ ސިޓީއެއްކަމަށް ހަދައިފައިވާ "ފޭކު" ސިޓީއެއްކަމަށެވެ.
އެ ސީޓީއަކީ ވަނީ ހޯމް މިނިސްޓްރީން، ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތައް ދެނެގަތުމަށް ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްއަށް ލިޔެފައިވާ ސިޓީއެކެވެ. އަދި އެ ސިޓީ ލިޔެފައިވަނީ ހޯމް މިނިސްޓްރީގެ ލެޓަ ހެޑު ވެސް ބޭނުންކޮށްގެންނެވެ. އަދި އެ ސިޓީގައި މިނިސްޓަރު އިހުސާންގެ ސޮއި ވެސް ބޭނުންކޮށްފައިވެއެވެ.
ނަމަވެސް އިހުސާން ވިދާޅުވީ ހޯމް މިނިސްޓްރީއަކީ ތަހުގީގުކުރާ މުއައްސަސާއެއް ނޫންކަމުން އެފަދަ މައުލޫމާތެއް ހޯދުމަށް އެ މިނިސްޓްރީން އެއްވެސް މުއައްސަސާއަކަށް ލިޔެކިޔުމެއް ނުފޮނުވާނެކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އިހުސާންގެ އެކްސް ޕޯސްޓުގައި ދައުލަތުގެ މުއައްސަސާތަކުގެ ނަންމަތީގައި އެފަދަ ކަންކަން ނުހިންގުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް
