އިއުލާާން ކުރުމެއް ނެތި ކައުންސިލް ތަކުން ވަޒީފާ ދޭ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް
ރަށް ރަށުގެ ކައުންސިލް އިދާރާ ތަކުން އިއުލާން ކުރުމެއް ނެތި ވަޒީފާ ދެމުން އަންނަ ކަމުގެ މައްސަލައެއް ފާހަގަވެފައިވާ ކަމަށް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ނިމާލް ވިދާޅުވެފައި ވަނީ، ސަރުކާރުން ޚަރަދު ކުޑަ ކުރުމުގެ ގޮތުން ރިޑަންޑަންސީ އުސޫލުގެ ތެރެއިން ކުންފުނިތަކުން ވަކި ކުރަމުން އަންނަ ބައެއް މުވައްޒަފުންނަށް، ކައުންސިލްތަކުން ވަޒީފާ ދެމުން އަންނަ ކަމުގެ މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ. އެ މައްސަލަ އެލްޖީއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ކައުންސިލް ތަކުން ވަޒީފާ ދެމުން ދަނީ އިއުލާން ކުރުމެއް ނެތި ކަމަށް ވެސް ނިމާލް ފާހަގަ ކުރެއްވި އެވެ.
އެ މައްސަލަ ފާހަގަވުމާ އެކު އެލްޖީއޭ އިން ވަނީ، އެ އިދާާރާގެ ހުއްދަ ހޯދައިގެން ނޫނީ ވަޒީފާ ތަކަށް އަލަށް މުވައްޒަފުން ނުނެގުމަށް ކައުންސިލް ތަކަށް އަންގައިފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި ނިމާލް ވިދާޅުވީ، އެއީ ވަޒީފާ އަށް މުވައްޒަފުން ނެގުމުގެ ބާރު ކައުންސިލް ތަކުގެ އަތުލުން، ނުވަތަ އުނިކުރުމުގެ މަޤުސަދުގައި އެންގެވި އެންގުމެއް ނޫން ކަމަށެވެ.
ނިމާލް ވިދާޅުވީ ބައެއް ކުންފުނި ތަކުގެ ވަޒީފާ އިން ވަކި ކުރަމުން އަންނަ މުވައްޒަފުންނަށް، ކައުންސިލްތަކުން ވަޒީފާ ދެމުން އަންނަ ކަމުގެ ޝަކުވާ އެލްޖީއޭ އަށް އަންނަ ކަމަށެވެ. އެލްޖީއޭ އިން އެކަމަށް ފިޔަވަޅު އަޅާފައި ވަނީ، އިއުލާން ކުރުމެއް ނެތި އެގޮތަށް ވަޒީފާ ދިނުން ހުއްޓުވުމުގެ މަޤުސަދުގައި ކަމަށް ވެސް ނިމާލް ވިދާޅުވެފައިވެ އެވެ.
އެކަން ފާހަގަ ކުރައްވައި ނިމާލް ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެފަދަ ޝަކުވާ ތަކެއް އަންނަ ކަމަށް ވާ ނަމަ، އެލްޖީއޭގެ ސީއީއޯ އަކަށް ހުންނަ ފަރާތަކަށް، ޤަވާއިދުން އެކަން ކުރިއަށް ގެންދިޔުމަށް އަންގަން ޖެހޭނެ ކަމަށާއި، އެއީ ހަމަ މަގުން ކަންކަން ކުރުމަށް އެންގެވި އެންގުމެއް ކަމަށެވެ. އެލްޖީއޭގެ ހުއްދަ ހޯދައިގެން މުވައްޒަފުން ނެގުމަށް ކައުންސިލްތަކަށް އަންގާފައި ވީ ނަމަވެސް، ޤަވާއިދާ އެއްގޮތަށް ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ނިމާލް ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް