ތިލަމާލެ ބްރިޖަކީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަމްޒުކޮށްދޭ، މުހިންމު އުމްރާނީ މަޝްރޫއެއް: ރައީސް މުޢިއްޒު
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވަން ރައީސް މުޢިއްޒު ވަޑައިގެންނެވުމުގެ ތެރެއިން
ތިލަމާލެ ބުރިޖަކީ ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ވަރުގަދަ ގާތް ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު އުމުރާނީ މަޝްރޫޢެއް ކަމުގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިއަދު ހަވީރު މާލެ އިން ތިލަމާލެ އަށް ފައިމަގުގައި ބޭއްވި ހިނގާލުމުގެ ހަރަކާތުގެ ތެރެއިން މީޑިއާ ތަކަށް ދެއްވި ޚާއްސަ އިންޓަވިޔުގައި އެވެ.
ރައީސް މުޢިއްޒު ވަނީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ)ގެ ދަށުން މާލެ އާއި ވިލިމާލެ އާއި ގުޅިފަޅުގެ އިތުރުން ތިލަފުށި ގުޅުވާލާ އަޅަމުންދާ ބުރިޖު މަޝްރޫޢުގެ މި މަސައްކަތަށް އިންޑިއާ ސަރުކާރުން، ޚާއްޞަ ގޮތެއްގައި އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ދެއްވާ ޚާއްޞަ އިސްކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ބޮޑު ވަޒީރު މޯދީ އާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން އެ ޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މި ޚާއްސަ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ދެރަށް ގުޅާލެވިފައި މިވަނީ މި މަޝްރޫޢުގެ މަސައްކަތުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ ދެ ޤައުމުގެ އެކި ފަންތީގެ ޓީމު ތަކުން ކުރެއްވި ބުރަ މަސައްކަތުންކަން ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވައި، މި އެންމެހާ ފަރާތްތަކަށް ވެސް ޙައްޤު ޝުކުރު އަދާކުރެއްވި އެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، މި މަސައްކަތް މިދާ ގޮތަށް ގެންގޮސް، ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި އެ ނިމުން ވެގެންދާނީ، މުޅި މި ގްރޭޓާ މާލެ ސަރަޙައްދުގެ ތަރައްޤީ އަށް، ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ، މިކަހަލަ މުހިންމު ހުރިހާ މަޝްރޫޢުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމުމަށް ސަރުކާރުން ދެއްވާ އިސްކަން މި މަޝްރޫޢުގެ މަސައްކަތުން ދޭހަވާ ކަމަށް ފާހަގަ ކުރައްވައިފަ އެވެ. މިސަރުކާރު ފެށިގެން އައިއިރު ބޮޑެތި ބައެއް މަޝްރޫޢުތައް އެހާ ބާރު ސްޕީޑުގައި ނުގޮސް، އެކި ކަހަލަ މައްސަލަތައް ހުރިކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވަނީ މި ސަރުކާރު ވެރިކަމާ ޙަވާލުވުމަށް ފަހު މިފަދަ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަށް ދެއްވަމުން ގެންދަވާ ޚާއްޞަ އަހަންމިއްޔަތު ފާހަގަ ކުރައްވާފައި އެވެ.
އެގޮތުން މި ސަރުކާރު ވެރިކަމާއ ޙަވާލުވުމަށް ފަހު މިވީ ކުރު މުއްދަތުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އާއި، ހަނިމާދޫ އެއާޕޯޓުގެ އިތުރުން ވެސް ނުނިމިހުރި މުހިންމު މަޝްރޫޢުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ.
ހަމަ އެހެންމެ ރައީސް މުޢިއްޒު ވަނީ ތިލަމާލެ ބުރިޖަކީ މިފަދަ މުހިންމު މަޝްރޫޢެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ތަރައްޤީގެ މުހިންމު މަޝްރޫއު ތަކަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ނިންމަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި މިއޮތް ގާތް ގުޅުން ރަމްޒުކޮށްދޭ މިކަހަލަ މުހިންމު މަޝްރޫއު ތަކަކީ މިސަރުކާރުން ވަރަށް އިސްކަމެއް ދެއްވާނެ މަޝްރޫއުތަކެއް ކަމުގައި ވިދާޅުވި އެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، މިފަދަ މަޝްރޫއުތަކުގެ މަސައްކަތްތައް، ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުން ވަރުގަދަވާނެ ފަދަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް