ޕީއެންސީގެ މަތީ މަޖިލީހުގެ މަގާމުތަކަށް ހުޅުވާލައިފި، 49 ގޮނޑިއަށް އިންތިހާބުކުރާނެ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ޕީއެންސީގެ ޖަގަހަ ---
ވެރިކަން ކުރާ ޕީޕަލް ނޭޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހުގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. .
އެ ޕާޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މަތީ މަޖިލީހަށް އިންތިހާބުކުރާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާނެކަމަށެވެ.
މީގެ އިތުރުން އެ އިއުލާނުގައި ބުނެފައިވަނީ އެ މަގާމުތަކަށް މީހުން އިންތިހާބުކުރުމަށް ހަމަޖެހިފައިވަނީ މި ފެށޭ ސެޕްޓެމްބަރު މަހުގެ 15 ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ މަތީ މަޖިލީހުގެ ބައްދަލުވުން ނުވަތަ ކޮންގްރެސްގައެވެ.
އެ ޕާޓީއިން އަންނަނީ އެ ޕާޓީގެ ކްޮންގްރެސްއަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
އެ ޕާޓީގެ މަތީ މަޖިލީހަށް އިންތިހާބުކުރަން ހަމަޖެހިފައިވަނީ 6 ނައިބު ރައީސުންނާއި 35 މެންބަރުންގެ އިތުރުން އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތަށް ރައީސަކާއި ނައިބު ރައީސަކާއި އަމީންއާންމަކާއި ހަޒާންދާރެކެވެ. އިންތިހާބުކުރާ 35 މެންބަރުންގެ ތެރޭގައި ޒުވާނުންނަށް ހަތް ގޮޑި ހާއްސަކޮށްފައިވާއިރު 10 ގޮނޑި ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.
މަގާމުތަކަށް ކުރިމަތިލާ ޕީއެންސީ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި، ޖިނާއީ ބޮޑު ކުށެއްގެ ރެކޯޑު އޮތް މީހަކަށް ވެގެން ނުވާނެއެވެ.
މަގާމުތަކަށް ކުރިމަތިލާން އެދޭ ޕީއެންސީގެ މެންބަރުން އެ ކަމަށް ޚާއްސަ ޕޯޓަލް މެދުވެރިކޮށް މަގާމުތަކަށް ކުރިމަތިލުމަށް އެ ޕާޓީން އެދެއެވެ. އެގޮތުން މަގާމުތަކަށް ކުރިމަތިލާން އެދޭ މެންބަރުން ހުށަހަޅަންވާނީ އެއް މަސް ނުވާ ކުށުގެ ރެކޯޑާއި ފުލުސް ރެކޯޑު ކަމަށް ވެސް އިއުލާނުގައިވެއެވެ
ޕީއެންސީގެ މަތީ މަޖިލީހުގެ މަގާމުތަކަށް ގިނަ ފަރާތްތަކަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އިސް ގިނަ ފަރާތްތަކަކުން ވަނީ ނައިބުރައީސްގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށް ކެމްޕެއިން ފަށައިފައެވެ.
އެގޮތުން ނައިބުރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި މިހާރު ވެސް ނައިބު ރައީސްކަން ކުރައްވާ ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި، އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދުއާއި، ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝާރީފް (މުންދު)އާޢި، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން ދެން ހިމެނެނީ އަަލަށް ނައިބުރައީސްގެ މަގާމަށް ވާދަކުރާ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއުއާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)ގެ އިތުރުން ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސަޢުދާއެވެ.
ޕީއެންސީގެ އަސާސީ ގަވައިދު ބުނާގޮތުން އެ ޕާޓީގެ ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރާ ފަރާތެވެ. އަދި ނައިބު ރައީސްގެ މަގާމު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނަ ބޭފުޅަކަށް އިންތިހާބަކާނުލާ ލިބޭނެއެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒުއަށް ޕާޓީގެ ރައީސްކަން ލިބިވަޑައިގަންނަވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފްއަށް ނައިބު ރައީސްގެ މަގާމު އިންތިހާބަކާނުލައި ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް