ތިލަމާލެ ބްރިޖުން ފައި މަގުގައި ހިންގަވާފައި ރައީސް މުޢިއްޒު ވިލިމާލެ އަށް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ތިލަމާލެ ބްރިޖުގައި ފައިމަގުގައި ހިންގަވާފައި ރައީސް މުޢިއްޒު ވިލިމާލެ އަށް ވަޑައިގަންނަވަނީ
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަޑައިގެން، ފައި މަގުގައި ހިންގަވާފައި މާލެ އިން ވިލިމާލެ އަށް ވަޑައިގެންފި އެވެ.
މިއީ މި ބްރިޖުގެ މަސައްކަތް ފެށި ފަހުން، ފައި މަގުގައި ވިލިމާލެ އަށް ދިޔަ ތާރީޚީ ފުރަތަމަ ދުވަހެވެ. ރައީސް މުޢިއްޒުގެ އަރިހުގައި ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު އާއި، ކެބިނެޓުގެ އެހެން މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2022 ވަނަ އަހަރު އެވެ. މި މަޝްރޫއުގެ ދަށުން މީގެ ދުވަސް ކޮޅެއް ކުރިން ވަނީ، މާލެ އާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު ގުޅާލައިފަ އެވެ.
ދާދި ފަހުން ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މި ބްރިޖުގެ އަމަލީ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ވެެރިކަމަށް ވަޑައިގެންނެވުމަށް ފަހު، އެންމެ އިސްކަމެއް ދެއްވާފައި ވަނީ މި ބްރިޖުގެ މަސައްކަތް އަވަސް ކުރައްވައި، ބްރިޖުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމުމަށް ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
މިހާތަނަށް ވަނީ މި މަޝްރޫއުގެ 76 އިންސައްތަ މަސައްކަތް ނިންމައިފަ އެވެ. މިއީ މާލެ އާއި ވިލިމާލޭގެ އިތުރުން، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލަދޭ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ބްރިޖާއި، ކޯޒްވޭތައް ހިމެނޭހެން، މުޅި ބްރިޖުގެ ދިގު މިނަކީ 6.7 ކިލީމީޓަރެވެ. މިއީ ގާތް ގަނޑަކަށް 500 މިލިއަން އެމެރިކާ ޑޮލަރު، ނުވަތަ ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި މަޝްރޫއެކެވެ. މިއީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދެވޭ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް