ޚަބަރު

40 އިންސައްތަ މާރުކުރުމަށް ފަހު ވެސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެވޭނެ: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

40 އިންސައްތަ މާރުކުރުމަށް ފަހު ވެސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެވޭނެ: ރައީސް މުޢިއްޒު

ބިލުތައް ތަސްދީޤު ކުރެއްވުމަށް ފަހު ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ

ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން، ރިސޯޓު ތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުމަށް ފަހު ވެސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެވޭނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ ހޯމަ ދުވަހު ރައީސް އޮފީހުގައި ބިިލު ތަސްދީޤު ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުންނެވެ. އެ ޤާނޫނުގެ ދަށުން، ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭއިރު، ބައެއް ރިސޯޓުތަކުން އަންނަނީ ދިވެޖި ރުފިޔާ އިން މުވައްޒަފުންނަށް މުސާރަ ދޭން ޖެހޭނެ ކަމަށް ބުނަމުންނެވެ.

އެ ވާހަކަތާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ރިސޯޓުތަކަށް 40 އިންސައްތަ މާރުކުރުމަކީ އެއްވެސް ދަތި ކަމަކަށް ނުވާނެ ކަމަށެވެ. ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތަކާއި، މުވައްޒަފުންގެ މުސާރަ ދިނުމާއި އަދި އޮޕަރޭޝަނަލް ޚަރަދުތަކަށް އެއްވެސް ދަތިކަމެއް ދިމާ ނުވާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

"ހިސާބު ކިތާބުތަކުން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް، ސާޅީސް އިންސައްތަ މާރުކުރުމަކީ އެއްވެސް ރިސޯޓަކަށް ދަތިކަމެއް ނޫން. ރިސޯޓު މުވައްޒަފުން އެ ދައްކާ ވާހަކަ އަށް ސަރުކާރުން ފުރިހަމަ އަށް ތާއީދު ކުރަން. އެ ބޭފުޅުނަށް އެ ލިބެމުންދާ މުސާރަ ޑޮލަރުން ދިނުން، އެއްގޮތަކަށް ވެެސް ހުއްޓާލައިގެން ނުވާނެ. އެއީ އެއްވެސް ރިސޯޓަކުންް ކޮށްގެން ވާނެ ކަމެއް ނޫން، ކުރުމަކަށް އެއްވެސް އުޒުރެއް ވެސް ނެތް،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.

އެއާއެކު ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ރިސޯޓުތަކުގެ މުވައްޒަފުންނަށް މުސާރަ ދޭންވާާނީ ޑޮލަރުން ކަމަށާއި، އެކަން އެގޮތަށް ކުރެއްވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ. ޑޮލަރުން މުސާރަ ނުލިބޭ ނަމަ، އެކަމާ ދެކޮޅަށް ރިސޯޓުތަކުގެ މުވައްޒަފުން ކުރަމުން އަންނަ ވަކާލާތަށް ތާއީދު ކުރައްވާ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށާއި، މުވައްޒަފުންގެ މުސާރަ ޑޮލަރުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

މިއީ ރައްޔިތުންގެ ޙައްގުގައި ކުރައްވާ ކަމެއްކަން ފާހަގަ ކުރައްވާ ރައީސް ވަނީ، ރިސޯޓުތަކުން ވެސް ޤާނޫނާ ތަބާވުމަށް ގޮވާލައްވައިފަ އެވެ. ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެތައް ގިނަަ ފައިދާ ތަކެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް