ޚަބަރު

ޑޮލަރުގެ މައްސަލަ ހައްލުކުރަނީ އިގްތިސާދަށްޓަކައި، މިކަމުގައި ސިޔާސީ ފައިދާއެއް ނެތް: މުންދު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ޑޮލަރުގެ މައްސަލަ ހައްލުކުރަނީ އިގްތިސާދަށްޓަކައި، މިކަމުގައި ސިޔާސީ ފައިދާއެއް ނެތް: މުންދު

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް --- ފޮޓޯ/ ރައީސް އޮފީސް

ޑޮލަރުގެ މައްސަލަ ހައްލުކުރަނީ ކުރިމަގުގައި ރާއްޖޭގެ އިގްތިސާދަށްޓަކައިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހުސައިން މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކޮށް އިއްޔެ ވާހަކަދައްކަވަމުން މުންދު ވިދާޅުވީ އިދިކޮޅުގައި ތިބި ފަރާތްތަކަށް ހަޖަމު ނުގެން އުޅެނީ މިއަދަށް އަދި މިހާރަށް ނުބަލައި ދިގު މުއްދަތަކަށް ބަލައިގެން ހައްލެއް ހޯދަން ކެރިވަޑައިގެންނަވާ ވެރިއަކު މިއަދު ހުރުމުން ކަމަށެވެ.

އެކަމުގެ ސަބަބުން ރައީސުލް ޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒަށް އަދި ސަރުކާރަށް ސިޔާސީ ފައިދާއެއް ނުވި ނަމަވެސް ކުރަން ޖެހޭ ރަނގަޅު ކަމަކަށް އެކަން ވުމުން އެކަން ކުރާތީ ވަރަށް ފަހުރުވެރިވާކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ޑޮލަރުގެ މައްސަލަ ދިގު މުއްދަތުގައި ހައްލުވުމުން ގައުމުގައި ހުރިހާ ހިދުމަތެއް ވެސް ދޭނީ ދިވެހި ރުފިޔާއިން ކަމަށާއި، އެ ދުވަހުން އެއްވެސް ރައްޔިތަކު ބައިނަލްއަގްވާމީ މުއާމަލާތެއް ކުރުމަށް ނުވަތަ ބޭރުގައުމަކަށް ދިއުމަށް ޑޮލަރަށް ޖެހިގެން އުޅެން ނުޖެހޭނެކަމަށް ވެސް މުންދު ވިދާޅުވިއެވެ.

ތަރުޖަމާނު ވިދާޅުވީ އެ މައްސަލަ ހައްލުވުމުން ރާއްޖޭގައި އެ ހުރިހައި ބޭނުމަކަށް ޑޮލަރު ލިބޭނެކަމަށާއި، އަދި އެ ބޭނުންތަކަށް ބޭނުންކޮަށް ބާކީ ވެސް ޑޮލަރު ހުންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ..

މުންދު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތަކީ 10 ވަރަކަށް އަހަރު ދުވަހުގެ ދިގު ރާސްތާ މަސައްކަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަމަށެވެ.

މިހާރު އެ މައްސަލަ ހައްލުކުރުމަށް އަޅަން ރާވާފައިވާ ބައެއް ފިޔަވަޅު އެޅި ނަމަވެސް ދިގު ރާސްތާގައި އަދިވެސް ބައިވަރު ފިޔަވަޅުތަކެއް އަޅަން ހުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުންދު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން މިހާރު ޑޮލަރުން އާމްދަނީ ލިބެމުންއައި މީހުންނަށް ކުރިން ލިބެމުން އައި ބޮޑު ފައިދާ މިހާރު ނުލިބޭނެކަމަށެވެ. އަދި ރުފިޔާއިން އާމްދަނީ ލިބޭ ރައްޔިތުންނަށް މި ފިޔަވަޅުތަކުގެ ސަބަބުން ލިބޭނީ ފައިދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އެ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރު ރޭޓު ވެސް ދަށްވާނެކެމަށް ވެސް މުންދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް