ޚަބަރު

ޝިޔާމް ސާބިތުކޮށްދެއްވީ އިތުބާރު ކުރެވޭކަން، ހުންނެވީ ރައީސް މުޢިއްޒު އަށް ދެ ވަނަ ދައުރެއް ހޯއްދެވުމުގެ އަޒުމުގައި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޝިޔާމް ސާބިތުކޮށްދެއްވީ އިތުބާރު ކުރެވޭކަން، ހުންނެވީ ރައީސް މުޢިއްޒު އަށް ދެ ވަނަ ދައުރެއް ހޯއްދެވުމުގެ އަޒުމުގައި

ރައީސް މުޢިއްޒު އާއި ފިޝަރީޒް މިނިސްޓަރު ޝިޔާމް

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްގެ މަޤާމަށް ވާދަކުރައްވާއިރު، އެންމެ ބޮޑު އަމާޒަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ދެ ވަނަ ދައުރެއް ހޯއްދަވައި ދެއްވުން ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިހާރު ވެސް ޕީއެންސީގެ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި ޝިޔާމް މިހެން ވިދާޅުވީ، ހޯމަ ދުވަހު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެ ޕޯސްޓުގައި ޝިޔާމް ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ކޮންގްރެސްގައި ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އެ ނިންމުމަކީ ޕާޓީ އާއި ދިވެހި ޤައުމަށް އިތުރަށް ޚިދުމަތްކޮށް، މެމްބަރުން ބާރުވެރިކުރުވައި، ޕާޓީގެ މުސްތަޤުބަލު ރަނގަޅު މިސްރާބަކަށް ގެންދިޔުމުގެ ދަތުރު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ނިންމެވި ނިންމުމެއް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައި އެވެ. ޝިޔާމް ވިދާޅުވީ އޭނާ އަބަދު ވެސް ޤަބޫލު ކުރާ ސިޔާސީ ހަމަޔަކީ، މެމްބަރުންގެ އަޑު އަހައި، އިޙްތިރާމާ އެކު މަސައްކަތް ކުރުން ކަމަށެވެ،

މީގެ އިތުރުން އެ ޕޯސްޓުގައި ޝިޔާމް ވިދާޅުވީ، ޕާޓީގެ ވެރިކަމަކަށް ފަހު، ޙައްގާއި އިންސާފަށްޓަކައި ފަސް އަހަރު ވަންދެން ޕާޓީގެ މެންބަރުން ކުރި ދަތުރުގައި ވަރުބަލި ކަމެއް ނެތި އޭނާ ހުންނެވީ ޕާޓީގެ މެމްބަރުންނާ އެކު މަގުމަތީގައި ކަމަށެވެ. އަދި މިއަދު ވެސް އޭނާ ހުންނެވީ އިޚުލާސްތެރިކަމާ އެކު ޚިދުމަތުގައި ދެގޮތެެއް ނުވެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައި އެވެ.

ޕީއެންސީގެ މެމްބަރުންގެ ކިބަައިން ޝިޔާމް އެދިވަޑައިގެންފައި ވަނީ މާާދަމާ ވެސް އިތުރު ފުރިހަމަކަމަކާއެކު ޕާޓީ އަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާ އަށް ދެއްވުމަށެވެ. ހަމައެހެންމެ، ރައީސް މުޢިއްޒު އާއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ޕީއެންސީ އަށް ވެރިކަން ކާާމިޔާބު ކުރުމަށްޓަކައި މެމްބަރުންގެ ހެޔޮ ދުއާ އާއި ތާއީދާ އެދިވަޑައިގަންނަވާކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ، މެމްބަރުން މާޔޫސްވިޔަ ނުދެއްވާނެ ކަމަށެވެ.

ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްގައި ނައިބު ރައީސުންގެ މަޤާމަށް ގިނަ ބޭފުޅުން ވާދަ ކުރައްވާއިރު، މި އިންތިޚާބަކީ ފޯރިގަދަ އިންތިޚާބަކަށް ވާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް