ލީގަށް ތައްޔާރުވާން ނިއު ރޭޑިއަންޓް ތިނަދޫގައި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ތިނަދޫ ސިޓީގައި ކޭމްޕް ކުރާ ނިއު ރޭޑިއަންޓް ޓީމް. -- ފޮޓޯ/ ޖީލު އޮންލައިން
ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން އެންމެ ފަހުގެ ތައްޔާރީތަކަށް ނިއު ރޭޑިއަންޓް، ތިނަދޫ ސިޓީގައި ކޭމްޕް ކޮށްފި އެވެ.
އާ ސީޒަންގެ ލީގުގައި ނިއުގެ ފުރަތަމަ މެޗު އޮތީ އަންނަ ހުކުރު ދުވަހުގެ ހަވީރު، ގައްދޫ ރެކްރިއޭޝަނާ ދެކޮޅަށެވެ. ގދ. ގައްދޫ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ، ދިވެހި ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ކުޅޭ ފުރަތަމަ އަވޭ މެޗެވެ. އަދި މި އަހަރު މިއީ މުޅިން އަލަށް ލީގު ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދާ އަހަރެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ އަންނަ ބުރާސްފަތި ދުވަހު ދިވެހި ޕްރިމިއާ ލީގު 2026/2027 ސީޒަން ފެށުމަށް ތައްޔާރު ވެފަ އެވެ. ލީގު ހުޅުވާ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބް އެވެ. މި މެޗު ކުޅޭނީ ގަލޮޅު ދަނޑުގައެވެ.
ގައްދޫގެ އިތުރުން މި ފަހަރުގެ ލީގުގެ މެޗުތައް ހއ. ދިއްދޫގައި ކުޅުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ. ދިއްދޫގައި ކުޅޭ ފުރަތަމަ މެޗު ތާވަލު ކޮށްފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހަށެވެ. މި މެޗުގައި ދިއްދޫ ނުކުންނާނީ ވެސް ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.
ނިއު ވަނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ކުޅެފަ އެވެ. ޝީލްޑް މެޗުގައި ނިއު ކުޅުނީ މިދިޔަ ސީޒަންގެ އެފްއޭ ކަޕް ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. މި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން 3-3 އިން އެއްވަރު ވުމުން ޕެނަލްޓީ ޝޫޓައުޓްގައި ވަނީ މާޒިޔާ އަތުން 5-3 އިން ބަލި ވެފަ އެވެ. އެއަށް ފަހު އޮތް ކަޕް ވިނާސް ކަޕްގެ ފައިނަލްގައި ވެސް ބައްދަލުކުރީ ނިއު އާއި މާޒިޔާ އެވެ. އެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން 2-2 އިން އެއްވަރު ވެގެން ޕެނަލްޓީގައި ނިއު ބަލިވީ 4-2 އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް