Article Top
ޚަބަރު •

އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު، މިދިޔަ އަހަރަށް ވުރެ 5.6 އިންސައްތަ އިތުރު ވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު، މިދިޔަ އަހަރަށް ވުރެ 5.6 އިންސައްތަ އިތުރު ވެއްޖެ

ފިނޭންސް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތް.

ނިމުނު އޮކްޓޫބަރު މަހުގެ 22 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 33.36 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 31.60 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ފިނޭންސް މިނިސްޓްރީ އިން އާންމު ކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ފާހަގަކޮށްފި އެވެ.

ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.8 އިންސައްތަ އިތުރުވުން ކަމަށް މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައި އެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 23.44 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މި އަދަދު ވަނީ 25.73 ބިލިއަން ރުފިޔާ އަށް މައްޗަށް ގޮސްފައި އެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިން ނަގާ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އަކީ ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއް ބާވަތެވެ. ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 5.7 އިންސައްތަ އިތުރުވެ، 8.87 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 2.6 އިންސައްތަ އިތުރުވެ، 1.78 ބިލިއަން ރުފިޔާ އަށް މައްޗަށް ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.8 އިންސައްތަ އިތުރުވެ، 5.97 ބިލިއަން ރުފިޔާ ވަނީ ލިބިފައި އެވެ. އިމްޕޯޓް ޑިއުޓީ 11.0 އިންސައްތަ އިތުރުވެ 2.82 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި 4.46 ބިލިއަން ރުފިޔާ ވަނީ ލިބިފައި އެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓު ތަކުގެ ކުލިން ލިބުނު އާމްދަނީ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް ވެސް ވަނީ ކުރިއެރުން ލިބިފައި އެވެ. ނަމަވެސް، ޖުމްލަ ގޮތެއްގައި ޓެކްސް ނޫން އާމްދަނީ ވަނީ 9.5 އިންސައްތަ ދަށްވެފައި އެވެ.

ޚަރަދުތަކަށް ބަލާއިރު، އޮކްޓޫބަރު މަހުގެ 22 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 37.21 ބިލިއަން ރުފިޔާ އަށް އަރާފައި އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.0 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދު 32.00 ބިލިއަން ރުފިޔާ އަށް މައްޗަށް ގޮސްފައިވާއިރު، ތަރައްޤީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ޚަރަދު ވަނީ 5.21 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.

މި މުއްދަތުގެ ތެރޭގައި ކައުންސިލް ތަކަށް ދޫކުރި ގްރާންޓް 15.9 އިންސައްތަ އިތުރުވެ، 2.08 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައި އެވެ. ކެޕިޓަލް ޚަރަދު ތަކުގެ ތެރެއިން ބިން ހިއްކުމާއި ބިން ބެލެހެއްޓުމުގެ މަޝްރޫއު ތަކަށް ކުރި ޚަރަދު 89.7 އިންސައްތަ އިތުރުވެފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އަދި އިމާރާތްތަކާއި ބިމަށް ކުރި ޚަރަދު ވެސް ވަނީ 1.69 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.

އިތުރު ޚަރަދުތަކަށް ބަލާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގަށް ކުރަން ޖެހޭ ހޭދަ ބޮޑުވެ، ސަބްސިޑީ އަށް ކުރި ޚަރަދު 58.6 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، އާސަންދަ ޚަރަދު ވަނީ 1.94 ބިލިއަން ރުފިޔާ އަށް މައްޗަށް ގޮސްފައި އެވެ. މުސާރަ އާއި ޕެންޝަނަށް ކުރި ޚަރަދު 12.05 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފައި އެވެ.

މީގެ އިތުރުން އޮކްޓޫވަރު 22 ގެ ނިޔަލަށް ދައުލަތުގެ މާލީ ހާލަތަށް ބަލާއިރު، ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 0.27 ބިލިއަން ރުފިޔާ ރެކޯޑު ކުރެވިފައިވީ ނަމަވެސް، ޖުމްލަ ފިސްކަލް ބެލެންސް ހުރީ 3.85 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް