Article Top
ޚަބަރު •

މައުރަޒު ބޭއްވި މަޤުސަދު ފުރިހަމަ އަށް ހާސިލުވެއްޖެ: މިނިސްޓަރު ސައީދު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މައުރަޒު ބޭއްވި މަޤުސަދު ފުރިހަމަ އަށް ހާސިލުވެއްޖެ: މިނިސްޓަރު ސައީދު

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވި މަޤުސަދު ފުރިހަމަ އަށް ހާސިލުވެފައިވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން މިފަހަރުގެ މައުރަޒު ބާއްވާފައި ވަނީ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން، ނޮވެމްވަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. 9 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މައުރަޒުގައި ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވެފައިވާއިރު، މައުރަޒު ބަލާލުމަށް ވެސް އެތައް ބަޔަކު ވަނީ ހާޒިރުވެފައި އެވެ.

ހޯމަ ދުވަހުގެ ރޭ މައުރަޒު ނިމިފައިވާއިރު ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ މައުރަޒު ބޭއްވި މަޤުސަދު ފުރިހަމަ އަށް ހާސިލުވެފައިވަ ކަމަށެވެ. ހަމަ އެހެންމެ، މައުރަޒުން ދިވެހިންގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، މައުރަޒުން ފެނުނީ ބިނާކުރަނިވި އުފެއްދުންތަކެއް ކަމަށެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި މިފަދަ އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާއިރު، މިނިސްޓަރު ސައީދު ވިދާޅުވީ މައުރަޒުގެ ސަބަބުން އެތައް ބަޔަކަށް ވިޔަފާރީގެ ފުރުސަތުތައް ވެސް ލިބިގެން ދިޔަ ކަމަށެވެ. މީގެ ކުރިން ވިޔަފާރީގެ ކަންކަމަށް ނުވަންނަ ފަރާތްތަކުން ވެސް، މައުރަޒުގެ ސަބަބުން އެކަމަށް ޝައުޤުވެރިކަން އުފެދިގެން ދިޔަ ކަަމަށް މިނިސްޓަރު ސައީދު ވަނީ ފާހަގަ ކުރައްވައިފަ އެވެ. ހަމައެހެންމެ، މައުރަޒުގެ ބައިވެރިންގެ އެންމެ ބޮޑު ބޭނުމަކީ އެ ފަރާތްތަކުގެ އުފެއްދުންތަކަށް އެކަށީގެންވާާ މާކެޓެއް ހޯދުން ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިއަހަރުގެ މައުރަޒަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، ދުވާލެއްގެ މައްޗަށް މައުރަޒަށް އެތައް ހާސް ބަޔަކު ޒިޔާރަތް ކުރި އެވެ. މިނިސްޓަރު ސައީދު ވިދާޅުވީ، މައުރަޒުގެ މުއްދަތު އިތުރު ކުރުމަށް ވެސް ގިނަ ފަރާތްތަކަކުން އެދުނު ކަމަށެވެ. އެހެން ނަމަވެސް، މައުރަޒަކީ ވަކި މުއްދަތަކަށް ކުރިއަށް ގެންދެވޭނެ ކަމެއް ކަމަށާއި، އެކަމުން ދައްކުވައި ދެނީ މައުރަޒުގެ ކާމިޔާބުކަން ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައި އެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކޮންމެ އަހަރަކު ވެސް މި މައުރަޒު ބޭއްވުން ކަމަށްވާއިރު، އެއް އަހަރުން އަނެއް އަހަރަށް މައުރަޒުގެ ފެންވަރު ރަނގަޅު ކުރުމަކީ ވެސް ސަރުކާރުން އަމާޒު ހިފާފައިވާ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް