Article Top
ލައިފްސްޓައިލް •

އައިލެންޑް ސިނަމާ އިން ''ކީއްވެ'' މުޅި ރާއްޖެ އަށް!

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އައިލެންޑް ސިނަމާ އިން ''ކީއްވެ'' މުޅި ރާއްޖެ އަށް!

"ކީއްވެ" ފިލްމުގެ ޕޯސްޓަރެއް.

ދިވެހި ފިލްމީ ދާއިރާ އަށް ލޯބިކުރާ ފަރާތްތަކުން އެންމެ ކެތްމަދުވެފައި ތިބި، އަދި ކާމިޔާބު ޕްރޮޑަކްޝަން ހައުސް ތަކެއް ކަމަށްވާ، ސްލޭމް ސްޓޫޑިއޯ އާއި، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ސިނަމާ ތަކަށް ގެންނަން ތައްޔާރު ކުރާ ފިލްމު "ކީއްވެ؟" ގެ ނޭޝަންވައިޑް ތިއޭޓްރިކަލް އެގްޒިބިޝަން ޕާޓްނާއެއްގެ ގޮތުގައި އައިލެންޑް ސިނަމާ ހަމަޖައްސައިފި އެވެ.

އައިލެންޑް ސިނަމާ އަކީ ދިވެހި ފިލްމުތައް ރާއްޖޭގެ އެކި ރަށްރަށާއި، ރިސޯޓުތަކުގެ އިތުރުން ރާއްޖެ އިން ބޭރުގެ އެކި ހިސާބުތަކުގައި ސްކްރީން ކުރަމުންދާ، ބެލުންތެރިންނާއި ޕްރޮޑިއުސަރުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ޓީމެކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ވެސް ގިނަ ދިވެހި ފިލްމުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅުވާފައިވާއިރު، މީގެ ކުރިން އައިލެންޑް ސިނެމާ އިން ވަނީ އެއްފަހަރާ 54 ޝޯ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުވައި ބޮޑު ކާމިޔާބީއެއް ހޯދާފައި އެވެ.

އައިލެންޑް ސިނެމާއިން މައުލޫމާތު ދޭ ގޮތުގައި، "ކީއްވެ'' ފިލްމު ރަށްރަށުގައި އަދި ރިސޯޓު ތަކުގައި ސްކްރީން ކުރުމަށް ބޭނުންވާ ފަރާތްތަކުން، 7779621 ނުވަތަ 9111164 އަށް ވައިބާ މެދުވެރިކޮށް މެސެޖު ކުރައްވައިގެން އެކަމުގެ އިންތިޒާމުތައް ކުރިއަށް ގެންދެވޭނެ އެވެ. އަދި މި ފިލްމަކީ އައިލެންޑް ސިނަމާ އިން މި އަހަރު ރަށްތަކުގައި ދައްކާނެ އެންމެ ފަހު ފިލްމެވެ.

މި ފިލްމްގެ ޓްރެއިލަރާ އެކު ފިލްމަށް އޮތް އިންތިޒާރާއި ޝައުޤުވެރިކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައި އެވެ. 25 އަހަރަށް ފަހު ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރު މޫސާ މަނިކު (ރީކޯ މޫސަ) މި ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާއިރު، އޭނާގެ ހުނަރުވެރި އަދި އަސަރުގަދަ އެކްޓިން ޓްރެއިލާ އިން ވަރަށް ފުރިހަމަ އަށް ފެނިގެންދެ އެވެ.

މިފިލްމުގައި މޫސަގެ އިތުރުން މަޝްހޫރު ތަރި، ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެން ދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކަ އަކީ އެހެން ދިވެހި ފިލްމުތަޚާ ޚިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަ ތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެއްކަމަށް ބެލެވެ އެވެ.

މި ފިލްމް ޚައްސާވާ އެތައް ކަމެއް ހުރި އިރު، ފާހަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ، 20 އަހަރުގެ މެދު ކެނޑުމަކަށް ފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފްގެ އެނބުރި އައުމެވެ. އެގޮތުން އީސަ ގެނެސްދޭ މި އުފެއްދުމުގެ މަންޒަރުތަކާއި، ސިނަމެޓިކް ފެންވަރު ވަރަށް މަތިކަން ޓްރެއިލާ އިން ހާމަވެ އެވެ.

ފިލްމުގެ ޓްރެއިލާ އާންމުކޮށް ޓިކެޓު ވިއްކަން ފެށުމާ އެކު، ޓިކެޓަށް އޮތް ޑިމާންޑު ވަނީ ކުއްލިއަކަށް މައްޗަށް ގޮސްފައި އެވެ. އަދި ކުލަގަދަ އިވެންޓަކާއެކު މި ފިލްމު ރަސްމީކޮށް ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް