މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދަމާ، ދަމަހައްޓަން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި: ރައީސް
ލިޔުންތެރިޔާ
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ --
ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލުގެ ރަތް ރޮނގު ވަރަށް ފަލަކޮށް ދަމާ، ދަމަހައްޓާނެކަމަށް ދެންނެވިންކަމަށާއި، އެކަން ހަގީގަތަކަށް ހެދުމަށް ގިނަ ގުނަ މަަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ތަޤުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަޤާމާ ޙަވާލުވެވަޑައިގެން ޤައުމާ މުޚާޠަބުކުރެއްވި އެންމެ ފުރަތަމަ ފަހަރުވެސް، ރާއްޖެ ވެއްޓިފައިވާ ދަރަނީގެ މަޅިން ޤައުމު ސަލާމަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި ކަމަށެވެ.
މީގެއިތުރުން ޤައުމީ ދިދައަށް ޤަދަރުކުރުމާއި، ދިވެހި ޤައުމިއްޔަތުގެ އަސާސްތައް ދަމަހައްޓައި އެކަން ދިރުވައި އާލާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ވާހަކަ އެދުވަހު ހާމަކުރެއްވިކަންވެސް ރައީސް ހަނދުމަފުޅު އައުކުރެއްވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ މާލީ ގޮތުން އިނދަޖެހި ބަނގުރޫޓުވެދާނެ ކަމަށް އެކި ދިމަދިމާލުން ދެމުންދިޔަ އިންޒާރުތަކުން ޤައުމު މިހާރު ވަނީ ރައްކާތެރިކުރެވިފައެވެ. އަދި އެއްވެސް ޒިންމާދާރުކަމެއް ނެތި ލޯނުތައް ނަގައި، ފައިސާ ޗާޕުކުރުމުގެ އާދަ ހުއްޓުމަކަށް ގެނެސް، ނަގާފައިވާ ދަރަނިތައް މިހާރު ބަރާބަރަށް އަދާކުރަމުންދާ ކަމަށާއި، މި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވަމުން އަންނަކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ޤައުމުދެކެ ލޯބިވާ ޒުވާނުންތަކެއް ބިނާކުރުމަށް ފެށުނު މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، 1،000 އަށްވުރެ ގިނަ ޒުވާނުން މިހާރުވެސް ތަމްރީނު ފުރިހަމަކޮށް ނިމިފައިވާއިރު، އިތުރު އެތައް ސަތޭކަ ޒުވާނުންނެއް މިހާރުވެސް އެ ދަސްވަޅުތަކުގައި ތަމްރީނުވަމުން އަންނަ ކަމަށެވެ.
ޚާރިޖީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ މަޞްލަޙަތު އެންމެ އިސްކުރާ ޚާރިޖީ ސިޔާސަތެއް އެކަށައަޅައި، މި ފަސްގަނޑުގައި ތިބި ބޭރުގެ އަސްކަރީ ފައުޖުތައް މިހާރު އަނބުރާ ފޮނުވާލެވިފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފުރިހަމަ މިނިވަންކަމާއި ބާރު ހިނގާ ބިޔަ ކަނޑުގެ ސަރަޙައްދު ދޫކޮށްލުމަށް ކުރިން ފޮނުވި ސިޓީ އަނބުރާ ގެންނަވައި، އެ ގެއްލުނު ސަރަޙައްދު އަލުން ހޯދުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި އަޅަންޖެހޭ ޤާނޫނީ އަދި ސިޔާސީ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ހުރިހާ މަސައްކަތްޕުޅުތަކެއްގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް އަމާންކަމާއި ހިތްހަމަޖެހުން ކަށަވަރުކޮށްދީ، ތަނަވަސް އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުން ކަމަށް ރައީސް ބަޔާންކުރެއްވިއެވެ. އަދި ރައްޔިތުންނަށް އެފަދަ ފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ އެންމެ މައިގަނޑު އަސާސަކީ ޤައުމުގެ އިޤްތިޞާދީ މިނިވަންކަން ޙިމާޔަތްކުރެވިފައި އޮތުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް