ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރި މައްސަލަ، ބޭރުގެ އިދާރާތަކާ ހިއްސާކޮށްފި
ލިޔުންތެރިޔާ
ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު. - ފޮޓޯ/އަވަސް
ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހައްޔަރު ކުރި މައްސަލަ، ބޭރުގެ އިދާރާތަކާ ހިއްސާކޮށްފި އެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެވެ. އަދި އަންގާރަ ދުވަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، 30 ދުވަހަށް އޭނާ ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ވަނީ، ބޭރުގެ އެކި ޤައުމު ތަކުގެ ފޮރިން މިނިސްޓްރީ އާއި، ދިވެހިރާއްޖޭގައި ހުންނަ އެ ޤައުމުތަކުގެ އެމްބަސީ އަށް އެ މައްސަލައިގެ މައުލޫމާތު ހިއްސާކޮށްފައި އެވެ. ފޮރިން މިނިސްޓްރީ އިން ހިއްސާކުރި "އިންފޮމޭޝަން ނޯޓު" ގައި ބުނެފައި ވަނީ، ޝާހިދު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން، އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.
ޝާހިދުގެ ބަންދަން ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖެހިކަން ވެސް އެ ނޯޓުގައި ވަނީ ފާހަގަކޮށްފައި އެވެ. އަދި އެ މައްސަލަ އަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައި އެވެ. ހަމައެހެންމެ، ރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އެންމެހާ ޙައްގުތަކެއް ޝާހިދު އަށް ލިބިދޭނެ ކަމުގެ ޔަޤީންކަމާއި، ޤާނޫނީ ވަކީލުންގެ ފުރިހަމަ ފުރުސަތު ޝާހިދު އަށް އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައި އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތައް ހުއްޓުވުމަށް ހެދިފައިވާ ޤާނޫނުތަކާއި، އަނިޔާ ލިބޭ ކުދިންގެ ޙައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ ޤާނޫނެއް އޮންނަ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެ ކުދިންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަށް އިސްކަން ދޭނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ.
ޝާހިދު ވަނީ 2018 ވަނަ އަހަރުގެ ނޮވެމްވަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އޭނާ ފޮރިން މިނިސްޓަރުކަން ކުރެއްވި މުއްދަތުގައި ޝާހިދު ވަނީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.
އެމްޑީޕީގެ ވެރިކަމަށް ފަހު ޝާހިދު ވަނީ، އެ ޕާޓީގެ ރައީސްގެ މަޤާމު ވެސް އަދާ ކުރައްވައިފަ އެވެ. އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށެވެ. ޝާހިދު އަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް