ރަނގަޅު ވާދައެއް ކުރި ފުޓްސަލް ޓީމު ދެކުނު ކޮރެއާ އަތުން ބަލިވެއްޖެ
ލިޔުންތެރިޔާ
ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު މިއަދު ކުޅުނު ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ ޓީމާ ވާދަކޮށް 5-1 އިން ބަލިވެއްޖެ އެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ރާއްޖޭންނެވެ. މެޗުގެ ތިންވަނަ މިނިޓުގައި ލަނޑު ޖަހައިދިނީ މުހައްމަދު ސާދު ނިޒާރެވެ. މިއީ އޭނާ ގައުމީ ޖޯޒީގައިކުޅުނު ފުރަތަމަ މެޗެވެ.
ނަމަވެސް ކޮރެއާ ޓީމު ފުރަތަމަ ހާފު ނިންމާލީ ތިން ގޯލު ޖަހައިގެން ލީޑާ އެކު އެވެ. އަދި ދެވަނަ ހާފުގައި ދެ ލަނޑު ޖަހާފައިވެ އެވެ.
ކޮރެއާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ރާއްޖޭގެ ފަރާތުން ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މީގެ ކުރިން ރާއްޖެ ވަނީ ދެ ފަހަރު ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅެފަ އެވެ. އެއީ 2004 އަދި 2005 ގެ އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕްގަ އެވެ. ފުރަތަމަ ފަހަރު 23-3 އިން ކޮރެއާ މޮޅުވި އިރު ދެން ކުޅުނު މެޗުން މޮޅުވީ 13-3 އިންނެވެ.
މިއީ މި އަހަރުގެ ޖެނުއަރީ މަހު ތައިލެންޑުގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ސައްތައިން ސައްތަ ރެކޯޑަކާ އެކު ކާމިޔާބުކުރި ފަހުން، ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ހެނދުނު 10:30 ގައި ހޮންގް ކޮންގްއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ފަހު މެޗުގައި ޗައިނާއާ ދެކޮޅަށް ކުޅޭނީ ހޯމަ ދުވަހުގެ ހަވީރު 4:30ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް