Article Top
ކުޅިވަރު •

ސާފް ޗެމްޕިއަންޝިޕް 2026 ފެށުން: ޕާކިސްތާން އަތުން އިންޑިއާ ސަލާމަތްވި އިރު ބޫޓާން އަތުން ބަންގްލަދޭޝް އަށް އުނދަގޫ މޮޅެއް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ސާފް ޗެމްޕިއަންޝިޕް 2026 ފެށުން: ޕާކިސްތާން އަތުން އިންޑިއާ ސަލާމަތްވި އިރު ބޫޓާން އަތުން ބަންގްލަދޭޝް އަށް އުނދަގޫ މޮޅެއް

އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ސާފް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 އިއްޔެ ވަރަށް ފޯރިގަދަ މެޗުތަކަކުން ފެށިގެންދިޔައިރު، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން ޕާކިސްތާނުގެ ފަހު ވަގުތުގެ ވަރުގަދަ ހަމަލާތަކުން ސަލާމަތްވެ 3-2 އިން މެޗު ކާމިޔާބުކުރިއިރު، މުބާރާތް ބާއްވާ ބަންގްލަދޭޝް އިން އުނދަގޫ މެޗަކަށް ފަހު 1-0 އިން ބޫޓާން ބަލިކޮށްފި އެވެ.

ޓިކެޓްތަކަށް ބޮޑު ޑިމާންޑެއް އޮތް، ގިނަ އަދަދެއްގެ ސަޕޯޓަރުން ވައްދައިގެން ކުޅުނު އިންޑީއާ ޕާކިސްތާން މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާގެ ޒުވާން ޓީމުން މުޅި މެޗު ޑޮމިނޭޓްކުރިއެވެ. މޯހަން ބަގާންގެ ފޯވާޑް ސުހައިލް އަހުމަދު ބަޓް 13 އަދި 19 ވަނަ މިނެޓުގައި ދެ ލަނޑު ޖެހިއިރު، 31 ވަނަ މިނެޓުގައި މަންގްލެންތަންގް ކިޕްގެން ވަނީ އިތުރު ލަނޑެއް ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޑިއާއަށް ބޮޑު ލީޑެއް ހޯދައިދީފަ އެވެ. ފުރަތަމަ ހާފުގައި ޕާކިސްތާނުގެ ޝާޔަކް ދޯސްތު ޖެހި ޕެނަލްޓީ ވަނީ ހުރަސް ދަނޑިމަތިން ބޭރަށް ގޮސްފަ އެވެ.

ނަމަވެސް، ދެވަނަ ހާފުގައި މެޗުގެ މަންޒަރު މުޅިން ބަދަލުވިއެވެ. ހިތްވަރު އެލުވާނުލައި ޕާކިސްތާނުން މެޗުގެ އިތުރުވަގުތުގައި ވަރުގަދަ ދެ ހަމަލާއެއް ފޮނުވާލި އެވެ. އެގޮތުން 90 މިނިޓު ހަމަވެގެން އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ނަޖީބު އުއްލާ ލަނޑެއް ޖެހި އިރު، އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި އަލަމްގީރު ގާޒީ ވަނީ ދެވަނަ ލަނޑު ޖަހައިދީފަ އެވެ.

ރޭ ކުޅުނު ކުޅުނު މެޗުގައި ގްރޫޕް އޭގެ ފޭވަރިޓުން އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އަށް، ބޫޓާން ވަނީ ވަރުގަދަ ފައިޓެއް ދީފަ އެވެ. އަމިއްލަ ގައުމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ބަންގްލަދޭޝް ޓީމު ވަނީ ބޫޓާނުން ވަރަށް ބޮޑަށް ހިފަހައްޓައިފަ އެވެ.

މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 69 ވަނަ މިނެޓުގަ އެވެ. މުހައްމަދު އިބްރާހިމް ޖަހައިދިން މި މުހިންމު ލަނޑާއެކު ބަންގްލަދޭޝްއިން 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރި އެވެ.

މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ އާދިއްތަ ދުވަހުއެވެ. އެދުވަހު ރާއްޖެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި ބޫޓާން ބައްދަލުކުރާނީ ސްރީލަންކާއާ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް