ގެދޮރު ގަތުމާއި، އިމާރާތް ކުރަން އިކުއިޓީއަށް އެދެން އަންނަ މަހު ހުޅުވާލަނީ
ލިޔުންތެރިޔާ
ނެޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމްގެ ދަށުން "ހެލްޕު ޓު ބިލްޑު ސްކީމް" ތަންފީޒު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ގެދޮރު އިމާރާތްކުރުމަށާއި ގަތުމަށް ބޭނުންވާ ހައުސިން ލޯނުތަކުގެ އިކުއިޓީ ހަމަޖެއްސުމަށް ސަރުކާރުން ދޭ ހިލޭ އެހީގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު، އަންނަ ނޮވެމްބަރު މަހު ހުޅުވާލައްވާނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
އެ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މުއްތަލިބު ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ގިނަ އާއިލާތަކަށް ގެދޮރު މިލްކުކުރުމުގައި ދިމާވާ ދައްޗަކީ މަހުން މަހަށް ދައްކަންޖެހޭ އިންސްޓޯލްމެންޓް ފައިސާ ނޫންކަމަށާއި، ގިނަ އާއިލާތަކަށް ލޯނު ހޯދުމަށް އޮތް ހުރަހަކީ ބޭންކުތަކަށް ދައްކަންޖެހޭ އިކުއިޓީ ފައިސާ ދެއްކުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ތަންފީޒުކުރާ "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް" ގެ ދަށުން ތައާރަފުކުރާ މި އެހީގެ ފުރުސަތު ހުޅުވާލަނީ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ގެ ނަމުގައި ހިންގާ ދެ ސްކީމެއްގެ ތެރެއިންކަމަށެވެ.
އެ ދެ ސްކީމަކީ ހައުސިން މިނިސްޓްރީން ހިންގާ ނެޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމުގެ ދަށުން ތައާރަފުކޮށްފައިވަނީ އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގައި އާއިލާތަކަށް ކުރިމަތިވާ އެންމެ ބޮޑު ހުރަސް ކަމަށްވާ އިކުއިޓީ ހަމަޖައްސައިދިނުމަށް އެކުލަވާލާފައިވާ ދެ ސްކީމެވެ.
މި މަޝްރޫއު ތަންފީޒުކުރަން މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް