މިހާރު އެންމެ ބޮޑަށް ނެތީ ތަޖުރިބާކާރު ލީޑަރެއް: ކޯޗު އާތީ
ލިޔުންތެރިޔާ
ޓީސީގެ ކޯޗު އާތީ -- ފޮޓޯ/ އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ދަނޑުމަތީގައި ޓީމު ލީޑުކޮށް، މެޗު ކޮންޓްރޯލް ކޮށްގެން ނިންމާލާނެ ތަޖުރިބާކާރު ކުޅުންތެރިއަކު ނެތުން ކަމަށް އެ ޓީމުގެ ކޯޗު އާތިފް މުހައްމަދު (އާތީ) ބުނެފި އެވެ.
މާދަމާ ރޭ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު އާތީ ބުނީ، މިދިޔަ ސީޒަނުގައި ޓީމުގައި ތިބި މުހިންމު ހަތް ކުޅުންތެރިއަކު ވަކިވެ، ޓީމު އަލުން އާބާދުކުރަން ޖެހުމުން ތަޖުރިބާގެ ބޮޑު އުނިކަމެއް ޓީމަށް ކުރިމަތިވެފައިވާ ކަމަށެވެ.
"އަލުން މޮޅު ކުޅުންތެރިންތަކެއް ތިއްބަސް، ދިވެހި ޕްރިމިއާ ލީގުގައި ކުޅެ ތަޖުރިބާ ހުންނަން ޖެހޭ، ގޯލެއް ޖެހުނީމާ އިދިކޮޅު ޓީމުގެ ޕްރެޝަރު ހިފަހައްޓައިގެން މެޗު ނިންމާލަން. މިހާރު އެންމެ ބޮޑަށް ނެތީ ތަޖުރިބާކާރު ލީޑަރެއް،" އާތީ ކިޔައިދިނެވެ.
ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ލީޑު ނެގުމަށްފަހު، ފަހު ހާފުގައި ޓީސީ އަތުން މެޗު ގެއްލެނީ ފިޓްނަސް ދަށްވެގެން ނޫން ކަމަށް ކޯޗު ބުންޏެވެ. އެސެސްމަންޓްތަކުން ދައްކާ ގޮތުގައި ޓީސީގެ ކުޅުންތެރިންގެ ދުވުމުގެ ރޭޓާއި އިންޓެންސިޓީ ހުރީ އިދިކޮޅު ޓީމުތަކާ އެއްވަރެއްގައި ކަމަށާއި، މައްސަލައަކީ ހަމައެކަނި ތަޖުރިބާ މަދުވުން ކަމަށް އޭނާ ފާހަގަކުރިއެވެ.
މާދަމާ ރޭގެ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން އާތީ ބުނީ، އެންމެ ފަހުން ކްލަބް އީގަލްސް ބަލިކޮށް ބުރުން ހޯދި މޮޅާއެކު އެ ޓީމު އޮތީ ވަރަށް ބޮޑު ޖޯޝެއްގައި ކަމަށާއި، މިއީ 50-50 މެޗެއް ނަމަވެސް ޓީސީއަށް ގެއްލިގެން ވާނެ މެޗެއް ނޫން ކަމަށެވެ.
"ބުރު މެޗަކީ ޓީސީއަށް ގެއްލިގެން ވާނެ މެޗެއް ނޫން. މި މެޗުން ގެއްލިއްޖިއްޔާ ޓީސީ ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިގެންދާނެ،" އާތީ އިންޒާރު ދިނެވެ.
މިހާރު ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލުގެ މެދުތެރޭގައި އޮތް ޓީސީގެ އަމާޒަކީ ފުރަތަމަ ބުރު ނިމޭއިރު މަދުވެގެން 12 ޕޮއިންޓް ހަމަކުރުމެވެ. ކޯޗެއްގެ ހައިސިއްޔަތުން ޓީސީއާ މެދު އޮތް އިތުބާރު ވަރަށް ބޮޑު ކަމަށާއި، ދެވަނަ ބުރުގައި މެނޭޖްމަންޓާއެކު ކުރެވޭ މަސައްކަތުން ތަޖުރިބާކާރު ކުޅުންތެރިންތަކެއް ގެނެވިއްޖެނަމަ، ލީގުގައި ވަރުގަދަ ފައިޓެއް ޓީސީން ދޭނެ ކަމަށް އޭނާ ބުންޏެވެ.
މިދިޔަ ސީޒަނަށް ފަހު ޓީސީގެ ލީޑަރުންގެ ލައިނަޕް އެއްކޮށްހެން ވަނީ ޓީމު ދޫކޮށް ގޮސްފަ އެވެ. އެގޮތުން އަހުމަދު ރިލްވާން (ބެން) ރިޓަޔާ ކުރި އިރު، މުހައްމަދު އަޖުފާން ވަނީ އީގަލްސް އަށް ބަދަލުވެފަ އެވެ. މީގެ އިތުރުން މުހައްމަދު ޔަޒްދާން ނިއު ރޭޑިއަންޓަށް ބަދަލު ވެފައި ވާއިރު، އަހުމަދު މާއިޝް ރަޝީދު (މާއި) އާއި ހުސެއިން ޝަރީފް (ހުސީ) މިހާރު ކުޅެނީ ވިކްޓަރީ ސްޕޯޓްސް ކްލަބަށެވެ. އަދި އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) ކުޅެމުން އަންނަނީ އަލަށް ޕްރޮމޯޓްވި ބިސް ބުރު ސްޕޯޓްސް ކްލަބަށެވެ. އެ ޓީމުގެ ކެޕްޓަންގެ ޒިންމާ މިހާރު އަދާކުރަނީ އަދާކުރަނީ އަބްދުލް ވާހިދު އިބްރާހިމް (ވާޑް) އާއި ހަސަން އީނާޒް (ބަކާ) އެވެ.
ޓީސީ އާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ރޭ 9:00 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް