ހަތަރު ރަށެއްގެ ކައުންސިލް އައު އިމާރާތް ނިމުމާ ގާތަށް
ލިޔުންތެރިޔާ
ނެއްލައިދޫގައި އިމާރާތްކުރާ ކައުންސިލް އިމާރާތް -- ފޮޓޯ/ އާރުސީސީ
ހަތަރު ރަށެއްގެ ކައުންސިލް އިމާރާތް ނިމުމާ ގާތަށް ގޮސްފިއެވެ.
މި ސަރުކާރުން އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.
އާރުސީސީއިން ކުރިއަށް ގެންދާ 55 ކައުންސިލް އިމާރާތުގެ ތެރެއިން ރ. މަޑުއްވަރި، ހދ. ނެއްލައިދޫ، ހދ. ނާވައިދޫގެ އިތުރުން ކ. ގުޅީގައި އިމާރާތްކުރާ ކައުންސިލް އިމާރާތުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައެވެ.
އެގޮތުން، ރ. މަޑުއްވަރީގައި އިމާރާތްކުރާ ކައުންސިލް އިމާރާތުގެ 87 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ ކައުންސިލް އިމާރާތުގައި މިހާރު ކުރިއަށް ދަނީ ކުލަ ލުމާއި، އޭސީ ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ފަރުނީޗަރު އެތުރުމުގެ މަސައްކަތެވެ.
ހދ. ނެއްލައިދޫ ކައުންސިލް އިމާރާތުގެ ވެސް 87 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެ އިމާރާތުގައި ވެސް މިހާރު ކުރަނީ ކުލަލުމުގެ މަސައްކަތާއި، އޭސީތައް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ކަރަންޓުގެ ބައެއް މަސައްކަތްތަކެވެ.
ހދ. ނާވައިދޫ ކައުންސިލް އިމާރާތުގެ 91 އިންސައްތަ މަސައްކަތް އާރުސީސީއިން ވަނީ ނިންމައިލައިފައެވެ. އެ ރަށުގެ ކައުންސިލް އިމާރާތުގައި މިހާރު ކުރަނީ ސާފުކުރުމުގެ މަސައްކަތުގެ އިތުރުން ކުލަލުމުގެ މަސައްކަތްތަކެވެ.
ކ. ގުޅީގައި އިމާރާތްކުރާ ކައުންސިލް އިމާރާތުގެ 92 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެ އިމާރާތުގެ ފިނިޝިން މަސައްކަތްތައް ކުރާއިރު، ވަންނަ އެންޓެރެންސް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އާރުސީސީއިން އިމާރާތްކުރާ 55 ކައުންސިލް އިމާރާތުގެ ބޮޑު ބައި މިހާރު ވަނީ ނިންމައިފައެވެ. ސަރުކާރުން އަމާޒު ހިފައިފައިވަނީ އަންނަ އަހަރު އެ ކައުންސިލް އިމާރާތްތައް ނިންމައި ބޭނުން ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް