އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނިކުންނަވާ ކަމުގެ އަޑު ގަދަވަނީ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް
އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވާދަކުރައްވަން އުޅޭ ކަމުގެ އަޑުތައް ގަދަވާން ފަށައިފި އެވެ.
ހުކުރު ދުވަހުން ފެށިގެން ސޯޝަލް މީޑިއާގައި އަންނަނީ އެކަމުގެ ޕޯސްޓަރުތަކެއް ދައުރު ކުރަމުންނެވެ. މީގެ ކުރިން ފައިޞަލް ވަނީ، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިކަން އޮތްކަން ވެސް ހާމަކުރައްވައިފަ އެވެ. ނަމަވެސް، މިހާތަނަށް ރަސްމީކޮށް އެކަން އިއުލާން ކުރައްވާފައި ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރު ކުރަމުން އަންނަނީ ފައިޞަލް އާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކުގައި ރިޔާސީ ރޭހަށް ނިކުންނަވާކަމުގެ ޕޯސްޓަރުތެކެވެ. އެގޮތުން ފައިޞަލް ކެންޑިޑޭޓަކަށް އަދި އާޒިމް ރަނިންމޭޓަކަށް ނިކުންނަވާ ކަމަށް އޭގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެކަމާ ގުޅޭ ގޮތުން ފައިޞަލްގެ ޓީމާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ޓީމާ ދެމެދު މަޝްވަރާ ކުރެވިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ. އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް (ސައްލެ) އާއި، އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސް ޞޯލިހުގެ އާއިލީ ބޭފުޅެއް ކަމަށްވާ އަލީ ނިޔާޒުގެ އިތުރުން ދާދި ފަހުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަޤާމު އަދާކުރެއްވި ޢަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ނަމަވެސް، ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާާ މެދު ރައީސް ޞާލިހު މިހާތަނަށް ވަކި ނިންމުމެއް ނިންމަވާފައި ނުވެ އެވެ. މިވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ ސަބަބުން، އެ ބައްދަލުވުމުގައި ފައިޞަލް ބައިވެރިވެ ވަޑައިގެންފައި ނުވެ އެވެ.
މިހާތަނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރެއްވީ ތިން ބޭފުޅުންނެވެ. އެއީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި، އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް