ސިފައިންގެ ހިތްވަރާއި މަތިވެރި ޖިހާދަކީ އިބުރަތް ލިބިގަންނަން ޖެހޭ ފިލާވަޅުތަކެއް: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
ސިފައިންގެ ހިތްވަރާއި މަތިވެރި ޖިހާދަކީ އިބުރަތް ލިބިގަންނަން ޖެހޭ ފިޔަވާޅުތަކެއް ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ. އަދި މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމި އޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަން ޖެހޭ ފިލާވަޅުތަކެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
އެއާއެކު ރައީސް މުޢިއްޒު ވަނީ ނަޞްރުގެ ދުވަހުގެ ލަވައެއްގެ ބައިތުތައް ހިއްސާކުރައްވައިފަ އެވެ.
"ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ، ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ ފިދާކޮށް މި ވަޠަނަށްޓަކާ ރޫޙު ޖާނާ" ރައީސް ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ޤައުމުގެ ދިފާއުގައި ޝަހީދު ވެގެންދިޔަ އަބުޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުއާ ދަންނަވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް