ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް ބޮޑު ޖޫރިމަނާއެއް ކޮށްފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ބައްސާމް -- ފޮޓޯ/ ވަން
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ އަހްލާގީ މިންގަނޑުތަކާ ހިލާފުވުމާ ގުޅިގެން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، 1.23 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ނިންމައިފި އެވެ.
ފީފާގެ އެތިކްސް ކޮމިޓީން ނެރުނު ބަޔާނުގައިވާ ގޮތުން، ބައްސާމްގެ މައްޗަށް މާލީ ނަހަމަ މުއާމަލާތްތަކާއި މަނީ ލޯންޑަރިންގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން ދިން ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރިކަން ވަނީ ސާބިތުވެފަ އެވެ. މީގެ އިތުރުން، އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަގީލް ވެސް ވަނީ 10 އަހަރަށް ސަސްޕެންޑްކޮށް، 100,000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފަ އެވެ.
މި މައްސަލައިގެ ތަހުގީގަށްފަހު ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާތަކެއް އުފުލައި، ކުށް ސާބިތުވާކަމަށް ވަނީ ހުކުމްކޮށްފަ އެވެ. އެގޮތުން، ކޮވިޑް ރިލީފް ފަންޑާއި ބޭރުގެ އިދާރާތަކުން ލިބުނު އެހީގެ ފައިސާއިން ހުޅުމާލޭގެ އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމަންޓް ދައުލަތަށް ނެގުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ބައްސާމަށް އިއްވި ޖަލު ހުކުމް، ސިއްހީ ހާލަތަށް ރިއާޔަތްކޮށް ފަހުން ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
މި ނިންމުމާއެކު ބައްސާމް ވެފައިވަނީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ފީފާއިން އުމުރު ދުވަހުގެ ސަސްޕެންޝަނެއް އިއްވި އެންމެ އިސް އޮފިޝަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް