Article Top
ކުޅިވަރު •

މޮޅު ކުޅުންތެރިންނަށް ވާދަކުރަނީ ފަތޯ، ސެންޓޭ، ހަމްޕު، ފޭދޫ އިއްބެ އަދި ނާއިމް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

މޮޅު ކުޅުންތެރިންނަށް ވާދަކުރަނީ ފަތޯ، ސެންޓޭ، ހަމްޕު، ފޭދޫ އިއްބެ އަދި ނާއިމް

އެފްއޭއެމް އެވޯޑްސް 2026 ގައި އެންމެ ޝަރަފްވެރި އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަ ކުރާ ފަސް ކުޅުންތެރިންގެ ލިސްޓު އާންމު ކޮށްފި އެވެ.

ފަސް ކުޅުންތެރިންނަކީ މާޒިޔާއަށް ކުޅެމުން އަންނަ އަހުމަދު އައިހަމް (ފަތޯ) އާއި ނިއުގެ އަލީ ފާސިރު (ސެންޓޭ) އަދި މިދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު ހަމްޒާ މުހައްމަދު (ހަމްޕު) ގެ އިތުރުން ބުރު ސްޕޯޓްސް ކްލަބަށް ކުޅުނު މުހައްމަދު ނާއިމް އާއި ކްލަބް އީގަލްސް އަށް ކުޅުނު އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

Advertisement
Article Inside

މީގެ ތެރެއިން ސެންޓޭ ވަނީ 2016، 2017 ގައި އެފްއޭއެމުން ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ.

އެފްއޭއެމުން މި އެވޯޑްސް ބާއްވަނީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެސޯސިއޭޝަނުން 2018 ގައި ބޭއްވި އެވޯޑްސް އަށް ފަހު މިއީ އެވޯޑްސް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުއްދަތުގައި ސްޕޯޓްސް މިނިސްޓްރީން ތިން ފަހަރު މަތިން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ބާއްވާފައި ވެއެވެ. އޭގެ ތެރެއިން ފުރަތަމަ ދެ އަހަރު، 2022 އަދި 2023 ގައި ހަމްޕު ވަނީ ފުޓްބޯލާ އޮފް ދަ އިޔާ އެވޯޑް ހާސިލް ކޮށްފަ އެވެ.

ހަމަ އެއާ އެކު ފޭދޫ އިއްބެ ވަނީ މީގެ ކުރިން މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓް ވެފަ އެވެ. މިއީ ފަތޯ އާއި ނާއިމް މި އެވޯޑަށް ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ.

މި އަހަރުގެ އެވޯޑްސްގެ ނޮމިނޭޝަންތައް ކަނޑައަޅާފައިވަނީ ކުރީގެ ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) އިސްކޮށް ހުންނަވައި އެކުލަވާލި ހާއްސަ ކޮމިޓީއަކުންނެވެ. އެވޯޑްސް ނައިޓް އޮންނާނީ މިރެއެވެ.

މި އެވޯޑް ނައިޓްގައި ދިނުމަށް ހަމަޖެހިފައިވާ މުހިންމު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (ފިރިހެން އަދި އަންހެން)، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ރެފްރީ، އެންމެ މޮޅު ކްލަބް، އެންމެ މޮޅު ރީޖަނަލް ކްލަބް އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް