ރައީސް ދެއްވީ ހިޔާވަހި ލޯނު ބޮޑު ކުރެވޭނެ ގޮތްތަކެއް އޮތްތޯ ބައްލަވާނެ ކަމުގެ ޔަޤީންކަން!
ލިޔުންތެރިޔާ
ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ރައީސް މުޢިއްޒު، ރައްޔިތަކާ ވާހަކަ ދައްކަވަނީ.
ސަރުކާރުން ދޫކޮށްފައިވާ ހިޔާވަހި ފައިނޭންސިންގެ ދަށުން އެކި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނު، ބޮޑު ކުރެވޭނެ ގޮތްތަކެއް އޮތްތޯ ބައްލަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.
ރައީސް މުޢިއްޒު އެ ޔަޤީންކަން ދެއްވީ ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި އާންމު ރައްޔިތަކު ފާޅު ކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އެގޮތުން އޭނާ ބުނީ އެ ސްކީމްގެ ދަށުން ރާއްޖެ ތެރެއަށް 1 މިލިއަން ރުފިޔާ ދޫކުރާ ގޮތަށް އޮތް ނަމަވެސް، އެ އަދަދު ލިބިފައި ނުވާ ކަމަށެވެ. އެގޮތުން ލިބުނީ 650،000 ރުފިޔާ ކަމަށް ފާހަގަކޮށް އެނާ ބުނީ، އެ އަދަދުން ގެދޮރު އިމާރާތްކޮށް ނިންމާލުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.
އެއާއެކު ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، އެކަން އެހެން ދިމާވި ސަބަބެއް ބައްލަވާނެ ކަމަށާއި، މީގެ ކުރިން އެފަދަ ޝަކުވާއެއް ނުވަތަ މައްސަލައެއް ދިމާވެފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެއީ މީގެ ކުރިން އެ ސްކީމް ތައާރަފު ކުރެއްވިއިރު ވެސް، ކަނޑައަޅާފައި އޮތް ގޮތެއް ނޫން ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
ހަ ލައްކަ ރުފިޔާ އިން ގެދޮރު އިމާރާތެއް ނުނިންމޭނެކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި، އެކަން ދިމާވެފައި އޮތީ ކޮން ގޮތަކުންތޯ މިނިސްޓްރީ މެދުވެރިކޮށް ބައްލަވާނެ ކަަމަށް ރައީސް ވިދާޅުވި އެވެ. އެކަން އެހެން ދިމާވީ ލިބޭ އާމްދަނީ އަށް ބަލައިގެންތޯ، ނުވަތަ ވަކި ޚާއްސަ އެހެން ސަބަބެއް ދިމާވެގެންތޯ ވެސް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން ލޯނު އިތުރު ކުރެވޭނެ ގޮތްތަކެއް ނުވަތަ އަދަދު ޓޮފްއަޕް ކުރެވޭނެ ގޮތްތަކެއް އޮތްތޯ ވެސް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހިޔާވަހި ފައިނޭންސިން ސްކީމްގެ ދަށުން ރާއްޖެ ތެރޭގެ ރަށްތަކަށް ކަނޑައަޅާފައި ވަނީ 1 މިލިއަން ރުފިޔާ އެވެ. ސަހަރު ފައިނޭންސިން ސްކީމް އަށް 3 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މާލެ ސަރަހައްދުގައި 6 މިލިއަން ރުފިޔާ އިން ފެށިގެން 10 މިލިއަން ރުފިޔާ ހަމައަށް ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް