Article Top
ޚަބަރު •

އިލެކްޓްރިކް އުޅަނދުފަހަރު މަރާމާތު ކުރުމުގެ ފަންނީ ގާބިލުކަން އިތުރު ކުރުމަށް ސޮއިކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިލެކްޓްރިކް އުޅަނދުފަހަރު މަރާމާތު ކުރުމުގެ ފަންނީ ގާބިލުކަން އިތުރު ކުރުމަށް ސޮއިކޮށްފި

އިކޮނޮމިކް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން.

ރާއްޖޭގައި އިލެކްޓްރިކް އުޅަނދު ފަހަރާއި، ޗާޖުކުރާ ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން އިތުރު ކުރުމުގެ މަގުސަދުގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފި އެވެ.

ދެ މިނިސްޓްރީގެ އިސްވެރިންގެ ހާޒިރުގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ފަހުމުނާމާގައި ސޮއިކު ރެއްވީ ދެ މިނިސްޓްރީގެ ކަމާ ބެހޭ ވެރިންނެވެ.

މި އެއްބަސްވުމަކީ ރާއްޖޭގައި ތިމާވެއްޓާ ރަށްޓެހި، އަދި ދެމެހެއްޓެނިވި ދަތުރު ފަތުރުގެ ނިޒާމެއް ގާއިމު ކުރުމަށް ކުރެވޭ މަސައްކަތަށް ލިބިގެން ދިޔަ މުހިންމު ކުރިއެރުމެކެވެ. މި ފަހުމުނާމާގެ ދަށުން، ރާއްޖޭގެ ކަމާ ބެހޭ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އިލެކްޓްރިކް އުޅަނދު ފަހަރާއި، ޗާޖިން ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހާއްސަ ތަމްރީނު ތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ، ޖީއީއެފް (GEF) ގެ އެހީގައި ކުރިއަށް ގެންދާ "އިންޓަގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އިމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" (ISLET) މަޝްރޫއުގެ ދަށުން ފޯރުކޮށްދީފައިވާ އިލެކްޓްރިކް ބަސްތަކާއި، އެހެނިހެން އުޅަނދުތައް ދިގު މުއްދަތަކަށް ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމެވެ. މިއީ ރާއްޖޭގައި ތިމާވެށި ރައްކާތެރި ކުރުމަށާއި، ދަތުރު ފަތުރުގެ ދާއިރާ އިން ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

ހަމައެއާއެކު، ކުރިމަގުގައި ތިމާވެއްޓާ ރައްޓެހި ދަތުރު ފަތުރުގެ ނިޒާމުތައް ކުރިއެރުވުމަށް ބޭނުންވާ ގައުމީ ގާބިލުކަން މި މަސައްކަތުގެ ތެރެއިން ވަރުގަދަ ވެގެންދާނެ ކަމަށް ދެ މިނިސްޓްރީ އިން ވެސް ވަނީ ބުނެފައި އެވެ. މި ފަހުމުނާމާގެ ސަބަބުން، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރު ފަތުރުގެ ވަސީލަތްތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް