Article Top
ޚަބަރު •

"މާދިއްޔަތަށް ވައްޓާލައި، އިސްލާމީ ޝަޚުސިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތަކުން ރާއްޖެ ސަލާމަތް ކުރުމުގައި ދެމި ތިބެން ޖެހޭނެ"

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

"މާދިއްޔަތަށް ވައްޓާލައި، އިސްލާމީ ޝަޚުސިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތަކުން ރާއްޖެ ސަލާމަތް ކުރުމުގައި ދެމި ތިބެން ޖެހޭނެ"

އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު.

މާދިއްޔަތަށް ވައްޓާލައި، އިސްލާމީ ޝަޚުސިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތަކުން ރާއްޖެ ސަލާމަތް ކުރުމުގައި ދެމި ތިބެން ޖެހޭނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ރާއްޖޭގެ ޤާނޫނު އަސާސީ އާއި ކަމާ ގުޅުން ހުރި އެހެނިހެން ޤާނޫނުތަކާ ޚިލާފަށް ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. މިނިސްޓަރު ޝަހީމް އެ އިޝާރާތް ކުރެއްވީ ރާއްޖޭގެ ރިސޯޓެއްގައި ދެ ފަތުރުވެރިޔަކު އެއް ޖިންސުން ކައިވެނި ކުރި މައްސަލަ އަށެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ، އެ މައްސަލަ ތަޙުގީގު ކުރުމަށް ފަހު، ފިޔަވަޅު އަޅައި ދިނުމަށް މިދިޔަ ބުދަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޝަހީމްގެ އެ ޕޯސްޓުގައި ވިދާޅުވީ، ދިވެހިރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި، ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ކިލަނބު ކޮށްލަން ހިންގާ އެފަދަ ޖަރީމާތަކުން ރާއްޖެ ސަލާމަތް ކުރުމުގައި ދެމި ތިބެން ޖެހޭނެ ކަމަށެވެ.

ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހުކުރު ދުވަހު ބުނެފައި ވަނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، އެއް ޖިންސުން ކައިވެނި ކޮށްދިނުމަކީ ރާއްޖޭގެ ޤާނޫނު ތަކުގައި ހުއްދަ ކަމެއް ނޫން ކަަމަށެވެ. އަދި ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށްވާއިރު، ދީނީ އަދި އިސްލާމީ ޝަރޫއީ އުސޫލުތަކާ ޚިލާފަށް ރާއްޖޭގެ ޤާނޫނުތަކާއި، އާންމު އިޖުތިމާއި މިންގަނޑު އަދި އަޚުލާޤީ މިންގަނޑުތަކާ ޚިލާފު އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި އެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެންނަނީ، ރާއްޖެ އަށް ޒިޔާރަތްކޮށްގެން އުޅޭ ދެ ފަތުރުވެރިން ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކުރާ މަންޒަރެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށް، އެ މައްސަލަ ބެލުމަށް ވެސް ގޮވާލާފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް