ލ.މާވަށުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި
ލިޔުންތެރިޔާ
ލ.މާވަށުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވުމުގެ ތެރެއިން.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމު ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޚާއްސަ މަޝްރޫއުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ލ.މާވަށުގައި އައު ގޮތްޕެއް ރަސްމީކޮށް ހުޅުވައިފި އެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ލ.މާވަށް ގޮފި އިފްތިތާހު ކޮށްދެއްވީ އެ ރަށުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙުމަދު އެވެ. އެ ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، މާވަށު ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ދަތުރުގެ ތެރެއިން، ގޮފީގައި ޤުރްއާން ކިލާސްތައް ރަސްމީކޮށް އިފްތިތާހުކޮށް، އެންރޯލްވެފައިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ އެ މަރުކަޒުގެ ވަފުދުގެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފައި އެވެ. އަދި އެ ގޮފީގައި ހިންގާ ޤުރްއާން ތައުލީމުގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، އިދާރީ ގޮތުން ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ގޮތްތަކާ މެދު މާވަށް ކައުންސިލް އިދާރާ އާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާއެކު މަޝްވަރާ ބައްދަލުވުންތައް ވެސް ވަނީ ބާއްވާފައި އެވެ.
މި ގޮފި ހުޅުވުމަކީ، ޤުރްއާނުގެ ތައުލީމު ލާމަރުކަޒީ ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޡުކުރުމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް