ޚަބަރު

ބުރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ގޮސްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ބުރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ގޮސްފި

ބުރިޖު ތަނބަށް އުރުނު ދެ ބޯޓު ---

ރޭ ސިނަމާލެ ބުރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ގޮސްފިއެވެ.

ގައުމީ ދިފާއީ ބާރުން މީޑިއާ ގްރޫޕަށް ކުރި މެސެޖެއްގައި ބުނީ މާލޭ ބަނދަރުގައި އޮތް 2 ބޯޓު، ރޭ ބުރިޖު ދަށުން އޮޔާ ދާތީ ބޯޓުގައި ތިބި 9 މީހުން ސަލާމަތް ކޮށްފައިވާކަމަށެވެ.

ދިފާއީ ބާރުން ބުނީ އެ ދެ ބޯޓަކީ ވަރަށް ބޮޑަށް ބާވެފައިވާ ދެ ބޯޓުކަމަށެވެ. އެހެންކަމުން މާލެ އަތޮޅު އިރުން 30 ނޯޓިކަލް މޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފައިވާކަަމަށް ވެސް އެ ދިފާއީ ބާރުން ބުންޏެވެ.

އެ ދެ ބޯޓު ބުރިޖުގެ ތަނބަށް އުރުނު ނަމަވެސް ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ބޯޓުތައް އުރުމާ ގުޅިގެން ބުރިޖު ބަލަހައްޓާ ކުންފުނި، ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އިން ރެއާއި މިއަދު ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

މުއްތަލިބް ވިދާޅުވީ އެ އިންސްޕެކްޝަންއިން އެނގުނު ގޮތުގައި ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް ބުރިޖުގެ ކޫރުން ތަކެއް އެޅިފައިހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އެ ކަންކަން ބުރިޖު ބަލަހައްޓާ ސީއެޗްއީސީއިން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މަރާމާތުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގައި އުޅަނދެއް ކޮންޓްރޯލުން ނެއްޓުމަކީ ދެ ބުރިޖަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މުހިންމު އެހެނިހެން ވަސީލަތްތަކަށް ނުރައްކާވެ، މި ސަރަހައްދުގެ ދިރިއުޅުމަށް އެޅޭނެ ބޮޑު ހުރަހެއް ކަމަށެވެ.

މިފަދަ ހާދިސާއެއް ހިނގުމުގެ ރައްކާތެރިވުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން އެފަދަ ބޮޑެތި އުޅަނދުފަހަރު ކަފުޖެހޭވަރުގެ ބާރުގަދަ ޓަގު ބޯޓުތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)އަށް ގެނައުމުގެ މަސައްކަތް ކުރާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބަހައްޓާ އުސޫލުތައް މުރާޖާކޮށް، ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުއާމަލާތްކޮށް ހަރަކާތްތެރިވާނެ އިޖުރާއަތްތަކެއް އެކުލަވާލެވޭނެކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް