ގައްދޫގައި ކުޅުނު ތާރީހީ ލީގު މެޗު ކާމިޔާބު ކުރީ ނިއު ރޭޑިއަންޓް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ނިއު ރޭޑީއަންޓުން ގޯލެއް ޖެހުމަށް ފަހު އުފާﷲާލުކުރަނީ. -- ފޮޓޯ/ އެފްއޭއެމް
މާލޭން ބޭރުގައި ކުޅުނު ފުރަތަމަ ދިވެހި ޕްރިމިއާ ލީގު މެޗު ނިއު ރޭޑިއަންޓް ކާމިޔާބު ކޮށްފި އެވެ.
ނިއު ރޭޑިއަންޓް މޮލުވީ މިއަދު ހަވީރު ގދ. ގައްދޫގައި، ގައްދޫ ރެކްރިއޭޝަން ކްލަބާ ވާދަކޮށް 2-0 އިންނެވެ.
ނިއުގެ ދެ ގޯލު ވެސް ފުރަތަމަ ހާފުގައި ޖަހައިދިނީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޮމޭޒް (ޑޯރީ) އެވެ. ދެ ލަނޑު ވެސް އޭނާ ޖެހީ ގުއިލާމޭ ޑަ ސިލްވާ ނަގައިދިން ހުރަހަކުން ބޮލުންނެވެ. ފުރަތަމަ ލަނޑު ހަތްވަނަ މިނިޓުގައި ޖެހި އިރު ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ.
ކޯޗު އަހުމަދު ނަޒީހުގެ އިރުޝާދުގެ ދަށުން ކުޅޭ ގައްދޫ އާރުސީ ވަނީ ދެވަނަ ހާފުގައި ނިއުގެ ހުރަސްތައް ހުއްޓުވުމުގައި ކާމިޔާބު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުން ނުރައްކާތެރި ހަމަލާތަކެއް މެޗުގައި ފޮނުވާލި ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވުނެވެ.
މި މެޗު ކުޅެމުން ދިޔަ ވަގުތު ގަލޮޅު ދަނޑުގައި ވެސް ލީގު މެޗެއް ކުޅުނެވެ. އެ މެޗުގައި ބައްދަލުކުރީ ކްލަބް އީގަލްސް އާއި ބިސް ބުރު ސްޕޯޓްސް އެވެ. މި މެޗު އީގަލްސް ކާމިޔާބު ކުރީ 3-1 އިންނެވެ.
އީގަސްގެ ފުރަތަމަ ލަނޑު 18 ވަނަ މިނިޓުގައި ޖަހައިދިނީ ބިދޭސީ މިޑްފީލްޑަރު އާމިރު ޝުއެއިބް އެވެ. އޭނާ އަކީ ދެވަނަ ޑިވިޝަނާއި ޕްރިމިއާ ލީގު ޕްލޭއޮފްގައި ވެސް ބިސް ބުރަށް މުހިއްމު ކުޅުމެއް ދައްކައި، ގިނަ ގޯލުތަކެއް ޖަހައިދިން ކުޅުންތެރިއެކެވެ. އެ ޓީމުގެ ދެވަނަ ލަނޑު 36 ވަނަ މިނިޓުގައި ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޒައިން ޒަފަރެވެ.
ދެވަނަ ހާފު ފެށިގެން އަށްވަނަ މިނިޓުގައި ބިސް ބުރުން ގޯލެއް ޖަހައި އުންމީދު ހޯދި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ޒިދާން އީސާ އެވެ. ނަމަވެސް އެ ޓީމަށް އިތުރު ގޯލެއް ނުދީ، އީގަސް ވަނީ 78 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ލީޑު ފުޅާ ކޮށްފަ އެވެ. މި ޕެނަލްޓީ ޖަހައިދިނީ އިސްމާއިލް އީސާ (މެސީ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް