އީވީޓޯލް އަކީ ޞިއްޙީ ޚިދުމަތް ފަދަ މުހިންމު ކަންކަމަށް ރާއްޖޭގައި ބޭނުން ކުރެވިދާނެ އުޅަނދެއް: މިނިސްޓްރީ
ލިޔުންތެރިޔާ
މީހުން އުފުލާ ގޮތަށް ފަރުމާ ކޮށްފައިވާ ޑްރޯން އުދުއްސާލާ މަންޒަރު ދައްކާލުމުގެ ތެރެއިން. - ފޮޓޯ/ ސަން.
އީވީޓޯލް އުޅަނދަކީ އަސާސީ އަދި މުހިންމު ޚިދުމަތްތަކަށް ރާއްޖޭގައި ބޭނުން ކުރެވިދާނެ އުޅަނދެއް ކަމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އިން ބުނެފި އެވެ.
އެ މިނިސްޓްރީ އިން މިހެން ބުނެފައި ވަނީ، ޗައިނާގެ ކުންންޏެއް ކަަމަށްވާ ކޫލްފްލައި އިން ތައާރަފު ކޮށްފައިވާ "އީވީޓޯލް" އުޅަނދު އުދުއްސަން ފެށުމާ ގުޅިގެންނެވެ. ހުކުރު ދުވަހާއި، ހޮނިހިރު ދުވަހު ވަނީ، މި އުޅަނދު އުދުއްސާލާ ގޮތް އާންމުންނަށް ދައްކާލައިފަ އެވެ. މިއީ އިންސާނުން ބޭނުންކޮށްގެން އުދުހޭ ޑްރޯން އެކެވެ.
އެކަމާ ގުޅޭ ގޮތުން އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެފައި ވަނީ، އެ އުޅަނދަކީ ރާއްޖޭގެ ރަށްތަކުގައި އަސާސީ ކަންކަމާއި، ޚިދުމަތްތައް ދިނުމަށް ބޭނުން ކުރެވިދާނެ އުޅަނދެއް ކަަމަށެވެ. އެއާއެކު އެ މިނިސްޓްރީ އިން ވަނީ، އިންސާނުން ބޭނުން ކޮށްގެން އުދުހޭ މި ޑްރޯން އިން ދެވޭނެ ފަސް ޚިދުމަތެއް ފާހަގަކޮށްފައި އެވެ.
އޭގެ ތެރޭގައި:
އެއް ރަށުން އަނެއް ރަށަށް މެޑިަކލް ސާމްޕަލްތައް އުފުލުން.
އެމަޖެންސީގައި އެއް ތަނުން އަނެއް ތަނަށް ގެންދަން ޖެހޭ ބޭހާއި، ވެކްސިން އަދި އެ ނޫން ވެސް މުހިންމު އާލާތްތައް އުފުލުމަށް.
އެމަޖެންސީ ޙާލަތްތަކުގައި ފަސް އެއިޑް ކިޓް ފަދަ ތަކެތި އުފުލުމަށް.
ޞިއްޙީ ކަންކަމުގައި މީހުން އުފުލުމަށް. (މިކަން ކުރުމަށްޓަކައި މި އުޅަނދު އުފައްދާފައިވާ ޑިޒައިނަށް ގެންނަން ޖެހޭ ބަދަލެއް ގެނައުން.)
ތިމާވެށި ބެލެހެއްޓުމަށް.
އެއާއެކު އެ މިނިސްޓްރީ އިން ބުނީ މިފަދަ އުޅަނދުތައް ރާއްޖޭގައި ބޭނުން ކުރުމަކީ، އިޤްތިޞާދީ ގޮތުން ވެސް ކުރިއަރާނެ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން އިތުރު ފުރުސަތުތަކެއް ވެސް ހުޅުވިގެން ދާނެ ކަމަށް އެ މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައި އެވެ. އެއާއެކު އެ މިނިސްޓްރީ އިން ބުނީ، މިހާރު ރާއްޖޭގައި ދަތުރު ފަތުރު ކުރުމަށް ބޭނުން ކުރާ ފެރީ އާއި ފްލައިޓު ފަދަ ތަކެތި ބޭނުން ކުރަމުން ވެސް، މި އުޅަނދު ބޭނުން ކުރެވިދާނެ ކަމަށެވެ.
އެހެންކަމުން އެއީ، ތަކެތީގެ ބަދަލުގައި އެހެން ގޮތްތަކެއް ހޯދުން ކަމަށް ނުވި ނަމަވެސް، އެއީ ޚިދުމަތް ދިނުމުގައި ކުރިއެރުންތަކެއް ލިބި، އެތައް ލުއި ފަސޭހަ ކަމެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެ މިނިސްޓްރީ އިން ވަނީ ބުނެފައި އެވެ. މިއީ ކަރަންޓު ބޭނުން ކޮށްގެން އުދުއްސާ އުޅަނދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް