Article Top
ކުޅިވަރު •

އުމުރުން 9 އަހަރުގެ އާލިޔާ، ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އުމުރުން 9 އަހަރުގެ އާލިޔާ، ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފި

ޤައުމީ ސާފިން މުބާރާތުގެ ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަންކަން ހޯދި އާލިޔާ. - ފޮޓޯ/ސާފިން އެސޯސިއޭޝަން.

ޤައުމީ ސާފިން މުބާރާތުގެ ރަންނަމާރި ޗެލެންޖުގެ އަންހެން ބައިގެ ޗެމްޕިއަންކަން، ޒުވާން އާލިޔާ ލަތީފް ހޯދައިފި އެވެ.

އުމުރުން އެންމެ 9 އަހަރުގެ އާލިޔާ ރަންނަމާރި ޗެލެންޖުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ، ފައިނަލްގައި އާޔާ ނަސީމް ބަލިކޮށްގެންނެވެ. އާޔާ އަކީ ރާއްޖޭގެ އަންހެން ސާފިންގެ އެންމެ ކާމިޔާބު އެތުލީޓެވެ.

މުބާރާތުގެ ފައިނަލް ހީޓުގައި އާލިޔާ ވަނީ 11.83 ގެ ސްކޯ އެއް ހޯދައިގެން، އާޔާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ފައިނަލްގައި އާޔާ އަށް ލިބުނީ 5.23 ގެ ސްކޯއެކެވެ. މިއާއެކު އާލިޔާ އަށް ވަނީ ތާރީޚީ ކާމިޔާބެއް ވެސް ލިބިފައި އެވެ. އެގޮތުން މިހާރު އޭނާ އަކީ ސާފިންގެ ޤައުމީ މުބާރާތް ކާމިޔާބު ކުރި އެންމެ ހަގު އެތުލީޓެވެ.

މީގެ ކުރިން ވެސް އާލިޔާ ވަނީ ސާފިންގެ ގިނަ ކާމިޔާބީ ތަކެއް ހޯދައިފަ އެވެ. 2025 ވަނަ އަހަރު ސާފިން އެސޯސިއޭޝަން އިން ކުރިއަށް ގެންދިޔަ ޤައުމީ ޖޫނިއާ ސާފިން މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ އާލިޔާ އެވެ. އޭނާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޖޫނިއާ ޗެމްޕިއަން އެވެ.

ހަަމައެއާއެކު، އަވަށްޓެރި ސްރީ ލަންކާގައި ކުރިއަށް ދިޔަ ބައިނަލްއަޤުވާމީ މުބާރާތެއްގެ ކަމަށްވާ "އެސްއެފްއެސްއެލް ސާފް ޗެމްޕިއަންޝިޕްސް 2026 - އާރުގަމް ބޭ ސީރީޒް"ގެ ޗެމްޕިއަންކަން ވެސް އާލިޔާ ވަނީ ހޯދައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް