ފުރަތަމަ 10 މަސް ދުވަހު އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ އަހަރަށް ވުރެ އިތުރު ވެއްޖެ
ލިޔުންތެރިޔާ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓުތަކެއް.
މިއަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި އެއާޕޯޓް ޓެކްސް އާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީ އިން ކޮންމެ ހަފުތާއަކު ނެރޭ، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ބުނެފައި ވަނީ، ނިމުނު އޮކްޓޫބަރު މަހުގެ 29 ވަަނަ ދުވަހުގެ ނިޔަަލަށް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.32 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައި ވަނީ 3.11 ބުިލިއަން ރުފިޔާ ކަމަށްވާއިރު، މިއަހަރު މި ވަނީ 6.8 އިންސައްތަ އިތުރުވެފައި އެވެ.
އެގޮތުން އެ ރިޕޯޓުގައި ބުނެފައި ވަނީ އެ މުއްދަތުގެ ތެރޭގައި ޑިޕާޗާ ޓެކްސްގެ ގޮތުގައި ދައުލަތަށް 1.64 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މިދިޔަ 2025 ވަަނަ އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 1.54 ބިލިއަން ރުފިޔާ ކަމަށްވާއިރު، މިއަހަރު ލިބުނު އަދަދު މި ވަނީ އިތުރުވެފައި އެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށް، ފިނޭންސް މިނިސްޓްރީގެ އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައި އެވެ. އެގޮތުން ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.68 ބިލިއަން ރުފިޔާ ވަނީ ލިބިފައި އެވެ. މިދިޔަ 2025 ވަނަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގަައި ލިބިފައި ވަނީ 1.56 ބިލިއަން ރުފިޔާ އެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައި ވަނީ 2017 ވަނަ އަހަރު އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ރާއްޖެ އިން ބޭރަށް ޒިޔާރަތް ކުރާ ކޮންމެ މީހެއްގެ އަތުން ނަގާ ފީ އެކެވެ. އޭގެ ފަހުން ޑިޕާޗާ ޓެކްސް ނަގަން ފަށާފައި ވަނީ 2022 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް