Article Top
ކުޅިވަރު •

ދެރަ ނަތީޖާއެއް، ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ޕާކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ދެރަ ނަތީޖާއެއް، ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ޕާކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

ސާފް ޗެމްޕިއަންޝިޕްގަައި ރާއްޖެއާ ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ސާފް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި މިއަދު ހަވީރު ކުޅުނު މެޗުން 0-3 ގެ ނަތީޖާއަކުން ދިވެހިރާއްޖެ ބަލިކުރުމަށްފަހު، ޕާކިސްތާނުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕާކިސްތާނުން ކާމިޔާބުކުރީ 0-3 ގެ ލީޑަކުންނެވެ.

މެޗު ފެށިގެން ފުރަތަމަ 10 މިނެޓުގެ ތެރޭގައި ޕާކިސްތާނުން ވަނީ ދެ ގޯލު ޖަހައި ކުރިހޯދާފައެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވި ޕާކިސްތާނުން މި މެޗު ފެށީ ވަރަށް ބޮޑަށް ޕްރެޝަރުކޮށްގެން ކުޅެމުންނެވެ. އަދި ރާއްޖޭގެ ދިފާޢީ ފަހަތުން ލިބުނު ފުރުޞަތުތަކުގެ ފައިދާ އެ ޓީމުން ވަރަށް ރަނގަޅަށް ހިފިއެވެ.

މެޗު ފެށިގެން މާގިނައިރެއް ނުވެ ޕާކިސްތާނުން އުފެއްދި ހަލުވި ކައުންޓަރ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ފަހަތަށް ބާރުބޮޑުވެ، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މިކިއާލް އަރޫން ޢަބްދުﷲ ވަނީ ލަނޑު ޖަހައި ޕާކިސްތާނަށް ލީޑު ނަގައިދީފައެވެ.

އޭގެ ފަހުން މެޗުގެ އޮއިވަރު އެއްކޮށް އަނބުރާލީ ޕާކިސްތާނުގެ ނަޖީބުﷲ ދެއްކި މޮޅު ކުޅުމުންނެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭގައި ޑިފެންޑަރުންނަށް ފަރުވާކުޑަކޮށްލެވުނު ވަގުތު، ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަޖީބުﷲ ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ ފަހުން މުޖީބުﷲ ކާމިޔާބުކުރި ގޯލުން ޕާކިސްތާނުން އެ ޓީމުގެ ލީޑު އިތުރަށް ފުޅާކުރިއެވެ.

ދެވަނަ ހާފުގައި ރާއްޖޭގެ ޓީމަށް ގެނައި ބަދަލުތަކާއެކު ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއްވެސް ތަނަވަސްކުރިއެވެ. ނަމަވެސް، ޕާކިސްތާނުގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މި މޮޅާއެކު، ތިން ޕޮއިންޓާއި ފައިދާ ދެ ގޯލު ހޯދައިގެން ޕާކިސްތާނުން މިހާރު ވަނީ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. ރާއްޖެއަށް ދެން އޮތީ ގްރޫޕުގެ ފަހު މެޗުގައި އިންޑިއާއާ ވާދަކުރުމެވެ. އެ މެޗުން 0-4 ގެ ތަފާތަކުން މޮޅުވެވިއްޖެނަމަ، ރާއްޖެއަށް އަދިވެސް ސެމީ ފައިނަލަށް ދިޔުމުގެ ފުރުޞަތު އެބައޮތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް