Article Top
ޚަބަރު •

"ބިނާކުރަންވީ އެކަކު ވެސް ބާކީ ނުކޮށް، އެންމެން ބައިވެރިވާ އަދި ޤަދަރުކުރާ މުޖުތަމައެއް"

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

"ބިނާކުރަންވީ އެކަކު ވެސް ބާކީ ނުކޮށް، އެންމެން ބައިވެރިވާ އަދި ޤަދަރުކުރާ މުޖުތަމައެއް"

ރިވެލި އެވޯޑު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަ ދައްކަވަނީ.

އެއްވެސް އިންސާނަކީ އޭނާއާ މެދު ތަޤުދީރު ނިޔާކޮށްފައިވާ ގޮތުން މުޖުތަމައުން އެކަހެރި ކުރެވިގެންވާނެ މީހެއް ނޫން ކަމަށާއި، ބިނާކުރަންވީ އެކަކު ވެސް ބާކީ ނުކޮށް، އެންމެން ބައިވެރިވާ އަދި އެންމެންނަށް ޤަދަރުކުރާ މުޖުތަމައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި "ރިވެލި އެވޯޑު" ދިނުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެވޯޑު ހާސިލުކުރެއްވި ފަރާތްތަކާ މުޚާތަބު ކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ، އެ ބޭފުޅުންނަކީ އާދަޔާ ޚިލާފު ކުޅެދުންތެރިކަމަކާއި ފަންނުވެރިކަމެއް ދައްކުވައިދިން، މުޖުތަމައުގެ ވަރަށް އަގުހުރި މޭސްތިރިންތަކެއް ކަމަށާއި، އެފަރާތްތަކާ މެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި މުޖުތަމައުގެ ނިޒާމުތައް ބައްޓަންވާން ވާނީ، ކުލުނާއި ކަމޭހިތުމަށް ދިރުން ލިބި، އެންމެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންވާ ގޮތަށް ކަމަށް ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ. ހަމައެއާއެކު، އެ ފަރާތްތައް އެ ދައްކުވައި ދެއްވަނީ އަޒުމާއި ސާބިތުކަމުގެ މުހިންމު ކަންކަމުގައި ވެސް ފަސްޓް ލޭޑީ ވިދާޅުވި އެވެ.

އެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވަނީ ކީރިތި ޤުރްއާނުގެ އަބަސަ ސޫރަތުގައި ބަޔާން ވެގެންވާ ހާދިސާ އަށް އަލިއަޅުއްވާލައްވާފައި އެވެ. އެގޮތުން، އެކިއެކި އުނިކަން ހުންނަ ފަރާތްތަކުގެ އިޙުސާސްތަކަށް އިޙްތިރާމު ކުރުމާއި، އެ ފަރާތްތަކުގެ އަގުވަޒަން ކުރުމަކީ އިސްލާމްދީން ބާރުއަޅާ، އަދި މާތް ﷲ ލޯބިވެ ވޮޑިގަންނަވާ ކަމެއް ކަމަށް އެ ހާދިސާ އިން ސާފުވާ ކަމަށް ވިދާޅުވި އެވެ.

ފަސްޓް ލޭޑީގެ ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު މާޒީގައި ތަފާތު ކުރުންތައް ގެންގުޅެވިފައިވީ ނަމަވެސް، މިއަދު ދިވެހި މުޖުތަމައުގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އައިސް ހޭލުންތެރިކަން އިތުރުވަމުން އަންނަކަން ފާހަގަ ކުރެއްވި އެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން މިފަދަ ފަރާތްތަކުގެ އަގުވަޒަން ކުރުމާއި، އެ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް ދައުލަތުގެ ފެންވަރުގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް ފަސްޓް ލޭޑީ ވިދާޅުވި އެވެ.

އެގޮތުން އެފަރާތްތަކަށް އިލްމީ ހޭލުންތެރިކަމާއި ފަރުވާގެ ފުރުސަތުތައް ފަހިކޮށްދެއްވަމުން އަންނަ ކަމަށާއި، އެފަރާތްތަކުގެ ކިބައިގައި ހުރި ހުނަރުތައް އާންމުކު ރުމަށް ހިތްވަރުދީ، އެކަމަށް މަރުޙަބާ ކިޔައި ޖަމައީ ގޮތެއްގައި ވާގިވެރިވަމުން އައިސްފައިވާ ކަމަށް ވެސް ފަސްޓް ލޭޑީ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މި ހަފުލާގައި ރިވެލި އެވޯޑު 2026 ހާސިލުކުރެއްވި އަށް ބޭފުޅުންނާއި، އަދި "ސްޕެޝަލް ރިކޮގްނިޝަން ޓޯކަން" ހާސިލު ކުރެއްވި ފަރާތާއެކު ވަކިވަކިން ނެގި ދެ ފޮޓޯގައި ވެސް ފަސްޓް ލޭޑީ ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް