Article Top
ކުޅިވަރު •

ދިއްދޫ އައުޓްޑޯ ވޮލީކޯޓު މިނިސްޓަރު ރާފިއު ހުޅުވައިދެއްވައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ދިއްދޫ އައުޓްޑޯ ވޮލީކޯޓު މިނިސްޓަރު ރާފިއު ހުޅުވައިދެއްވައިފި

ދިއްދޫ ވޮލީ ކޯޓު -- ފޮޓޯ/ ސްޕޯޓޠްސް މިނިސްޓްރީ

ހއ. ދިއްދޫގައި އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

ރޭ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވޮލީ ކޯޓު ހުޅުވައިދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.

Advertisement
Article Inside

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ތަރައްގީކުރި މި ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އަހުމަދު މުބީންގެ އިތުރުން ޔޫތު މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ކޯޓާއެކު ކުރެވޭ އެންމެ ބޮޑު އުއްމީދަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރާނެ މޮޅު ވޮލީ ކުޅުންތެރިންތަކެއް ދިއްދޫން އުފެދިގެން ދިއުން ކަމަށެވެ.

މީގެ އިތުރުން ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުޅޭ އެއްޗެއް ނޫން ކަމަށާއި، އެއީ މުޖުތަމައުގެ ހަށިހެޔޮކަމާއި، އަހުލާގާއި ސުލޫކު ރަނގަޅުކޮށްދީ، އެއްބައިވަންތަކަން އާލާކޮށްދޭ މުހިންމު ވަސީލަތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ހަމަ އެއާއެކު ރަށުގެ ކުދިބޮޑު އެންމެން ވެސް މި ވޮލީކޯޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި، ޒިންމާދާރުކަމާއެކު ހިފުމަށް ވަޒީރު އެދިވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން، ވޮލީ ކޯޓުގައި ހާއްސަ އެކުވެރިކަމުގެ ވޮލީ މެޗެއް ވެސް ކުޅެފައި ވެއެވެ.

އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާރުވެސް އިތުރު 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް