އޭޝިއަން ގޭމްސް 2026: 10 މީޓަރު އެއާ ރައިފަލް އިވެންޓުގައި އީޝާ އާއި މާއިދުގެ އިތުރު ގައުމީ ރެކޯޑްތަކެއް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މިއަދުގެ މިކްސްޑް ޓީމް އިވެންޓްގައި މާއިދާއި އީޝާ -- ފޮޓޯ/ އެމްއޯސީ: މަހްފޫޒް
މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި 10 މީޓަރު އެއާ ރައިފަލް އިވެންޓުގައި ދިވެހި ޝޫޓިން ޓީމުގައި ހިމެނޭ އައިޝަތު އީޝާ ޝަހީދާއި އަހުމަދު މާއިދު މުހައްމަދު ގައުމީރެކޯޑްތަކެއް އާ ކޮށްފި އެވެ.
ޝޫޓިންގެ އެންމެ ފުރަތަމަ ދުވަހު އީޝާ ވަނީ 10 މީޓަރު އެއާ ރައިފަލް އަންހެން އިންޑިވިޖުއަލް އިވެންޓުގައި ގައުމީ ރެކޯޑް އާކޮށްފަ އެވެ. އިއްޔެ މާއިދު، މި އިވެންޓްގެ ފިރިހެން އިންޑިވިޖުއަލް ބައިން ގައުމީ ރެކޯޑް މުގުރާލި އިރު މާއިދާއި އީޝާ ވަނީ މިއަދު މި އިވެންޓްގެ މިކްސްޑް ޑަބަލްސް އިން ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.
އެގޮތުން އިއްޔެ މާއިދު ފިރިހެނުންގެ ބައިން ގައުމީ ރެކޯޑް މުގުރާލީ 614.5 ޕޮއިންޓް ހޯދައިގެންނެވެ.
މީގެ ކުރިން މިރެކޯޑު އޮތީ ގައުމީ ޝޫޓިން ޓީމުގެ އިބްރާހީމް ޝިފާން އަތުގަ އެވެ. އޭނާ މި ރިކޯޑް ހެދީ ތައިލެންޑްގެ ބެންކޮކްގައި ބޭއްވި އޭޝިއަން ކަޕް 2025 ޝޫޓިން މުބާރާތުގައި 605.5 ޕޮއިންޓް ހޯދައިގެންނެވެ.

އުމަރު މުހައްމަދު ނަޝީދު، އޭނާ ވަނީ މާއިދުގެ ކުރިން މި އިވެންޓްގައި ޝިފާންގެ ރެކޯޑް މުގުރާލައިފަ. ނަމަވެސް މާއިދު ވަނީ އޭނާ ވާދަކުރި ރިލޭގައި އެ ސްކޯ ބީޓް ކޮށްފަ. -- ފޮޓޯ/ އެމްއޯސީ: އައްފާން
ނަގޯޔާގެ ޖެނެރަލް ޝޫޓިންގ ގެލެރީގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޝޫޓިން އިވެންޓްގައި އިއްޔެ ވާދަކުރި އުމަރު މުހައްމަދު ނަޝީދު ވެސް ވަނީ މާއިދަށްވުރެ ކުޑަ އިރުކޮޅެއް ކުރިން މިރެކޯޑު އާ ކޮށްފަ އެވެ. އިއްޔެގެ ރެލީގައި އޭނާ ވަނީ 610.2 ޕޮއިންޓް ހޯދައިފަ އެވެ.
މީގެ އިތުރުން އިބްރާހީމް ޝިފާން އިއްޔެގެ އިވެންޓްގައި ވާދަކޮށް ހޯދާފައި ވަނީ 597.3 ޕޮއިންޓެވެ.

މާއިދު، އިއްޔެ އޮތް ސިންގަލްސް އިވެންޓްގަ. -- ފޮޓޯ/ އެމްއޯސީ: އައްފާން
ނަގޯޔާގެ ޖެނެރަލް ޝޫޓިންގ ގެލެރީގައި މިއަދު ކުރިއަށް ދިޔަ 10 މީޓަރު އެއާ ރައިފަލްގެ މިކްސްޑް ޓީމު އިވެންޓްގައި ވާދަ ކުރި ދިވެހި ޝޫޓިން ޓީމުގައި ހިމެނެނީމާއިދާއި އީޝާގެ ޕެއާ އެވެ.
މާއިދާއި އީޝާ މިރެކޯޑު މުގުރާލީ މިއަދު 617.6 ޕޮއިންޓް ހޯދައިގެންނެވެ.
މީގެ ކުރިން މި ރެކޯޑު އޮންނަނީ އިބްރާހީމް ޝިފާން އާއި އައިޝަތު ޔޫހާ އިމްތިޔާޒް އަތުގަ އެވެ. ޝިފާން އާއި ޔޫހާ މި ރެކޯޑް ހެދީ ތައިލެންޑްގެ ބެންކޮކްގައި ބޭއްވި އޭޝިއަން ކަޕް 2025 ޝޫޓިން މުބާރާތުގައި 601.6 ޕޮއިންޓް ހޯދައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް