ދިފާއީ އަދި ދީނީ ދާއިރާއާ ގުޅޭ ދެ އެއްބަސްވުމެއްގައި މެލޭޝިއާއާއެކު ސޮއިކޮށްފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ރާއްޖެއާއި މެލެޝިއާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރުން ----
ދިވެހިރާއްޖެއާއި މެލޭޝިޔާގެ މެދުގައި ދިފާއީ ދާއިރާއިންނާއި އިސްލާމީ ދާއިރާއިން ގުޅުން ބަދަހިކޮށް އެއްބާރުލުންދިނުމަށް ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާތަކުގައި ސޮއިކުރެވުނީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރަސްމީ ދައުވަތަަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަައި މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރައީސް ޑރ.މުޢިއްޒާއި ބޮޑުވަޒީރު އަންވަރު އިބްރާހީމުގެ ހާޒިރުގައެވެ.
ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިފާއީ ކަންކަމާއި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދެވެ. އަދި މެލޭޝިޔާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރް އޮފް ޓްރޭޑް އެންޑް އިންވެސްޓްމެންޓު ޖަހާރީ ބިން އަބްދުލްގަނީއެވެ.
ދެވަނައަށް ސޮއިކުރި ދީނީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކޮށް އެއްބާރުލުންދިނުން އިތުރުކުރުމާ ގުޅޭ ފަހުމުނާމާގައެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ އައުގާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އަދި މެލޭޝިޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރް އޮފް ޓްރޭޑް އެންޑް އިންވެސްޓްމެންޓު ޖަހާރީ ބިން އަބްދުލްގަނީއެވެ.
ފަހުމުނާމާ ބަދަލުކުރުމުގެ ރަސްމިއްޔާތަށްފަހު ދެ ގައުމުގެ ވެރިން ގުޅިފައިވާ ބަޔާނެއް އިއްވަވަން ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، އަންވަރުގެ މި ދަތުރުފުޅަކީ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތްފަހުން އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް