މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ލިބޭ "މޫސުން" އެޕް ތައާރަފު ކޮށްފި
ލިޔުންތެރިޔާ
މޫސުން އެޕް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މޫސުމާ ބެހޭ އެންމެ ފަހުގެ މައިލޫމާތުތައް އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ "މޫސުން" ތައާރަފު ކޮށްފި އެވެ.
މި އެޕްލިކޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މޫސުމީ ޙާލަތު ވަގުތުން ވަގުތަށް ދެނެގަތުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ މަޤުސަދުގައި ތައްޔާރު ކޮށްފައިވާ އެޕެކެވެ. "މޫސުން" އެޕް މެދުވެރިކޮށް، ތިމާ ދިރިއުޅޭ ނުވަތަ ދަތުރު ކުރަން ގަސްތުކުރާ ވަކި ވަކި ރަށް ރަށުގެ މޫސުން ލަފާކުރާ ގޮތާއި، ވަގުތުން ވަގުތަށް މޫސުމީ ބަދަލުތައް ދައްކުވައިދޭ ލައިވް ވެދާ މެޕް ބަލައިލެވޭނެ އެވެ.
މީގެ އިތުރުން، މެޓް އޮފީހުން ރަސްމީކޮށް ނެރޭ އެލާޓްތަކާއި، އިންޒާރުތައް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް އެއް ތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ އެވެ.
މި އެޕްލިކޭޝަން މިހާރު އެޕަލްގެ އެޕް ސްޓޯރުންނާއި، ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ. އެޕް ބޭނުން ކުރުމަށްޓަކައި ސްޓޯރުތަކުގައި "Moosun" ޖަހައިގެން ސާޗް ކޮށްލުމުން ނުވަތަ، ކަމާބެހޭ ކިއުއާރް (QR) ކޯޑު ސްކޭން ކޮށްލުމުން ފަސޭހަކަމާއެކު ފޯނަށް އަޅައިލެވޭނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް