5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް، އިންޑިއާ އިން 1200 ގަސް ހަދިޔާ ކޮށްފި
ލިޔުންތެރިޔާ
އިންޑިއާ އިން ރާއްޖެ އަށް ގަސް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ގިނަ އަދަދެއްގެ ގަސް ހަދިޔާ ކޮށްފި އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ އަށް ގަސް ހަދިޔާ ކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި، ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް އަދި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފު ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ.
ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 1200 ގަސް ހަދިޔާ ކޮށްފައި އެވެ. މި ގަސްތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ކަމުގެ ރަމްޒެއްގެ ގޮތުން އިންޑިއާ އިން ހަދިޔާކުރި ގަސްތަކެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވަނީ އިންޑިއާ ސަރުކާރުން ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައި އެވެ. އަދި ޤައުމުގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ މުޖުތަމައު ތަކެއް ބިނާކުރުމަށް ގަސް އިންދުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވި އެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމުގެ އުސޫލުތައް ފުޅާ ކުރުމަށާއި، ރާއްޖޭގައި އުފައްދާ ކާނާގެ މިންވަރު އިތުރު ކުރުމަށް މިނިސްޓްރީ އިން ދޭ ސަމާލުކަން މިނިސްޓަރު ޝިޔާމް ތަކުރާރު ކުރެއްވި އެވެ.
މިނިސްޓަރު އިރުތިޝާމްގެ ވާހަކައިގައި ވަނީ، އިންޑިއާ ސަރުކާރުން ހަދިޔާ ކުރި މި ގަސްތަކަކީ ރާއްޖޭގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެފައި އެވެ. އަދި ރާއްޖެ ފެހި ކުރުމަށް ކުރަމުން އަންނަ މަސައްކަތަކީ މުހިންމު ކަމެއް ކަމަށާއި، އިންޑިއާގެ އެހީތެރިކަމަކީ އެކި ދާއިރާ ތަކުން ރާއްޖެ އަށް ދެމުން އަންނަ އެހީތެރިކަމުގެ ނިޝާނެއް ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫއު ފައްޓަވާފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް