Article Top
ޚަބަރު •

ޝަރުއީ ނިޒާމު މިނިވަން ކުރުމުގައި، ސަރުކާރުގެ އަމަލާއި ބަހާ ދިމާވާނެ: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޝަރުއީ ނިޒާމު މިނިވަން ކުރުމުގައި، ސަރުކާރުގެ އަމަލާއި ބަހާ ދިމާވާނެ: ރައީސް މުޢިއްޒު

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބަައްދަލުވުމުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

މި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، ޝަރުއީ ނިޒާމު ހަރުދަނާ ކުރުމުގައި ސަރުކާރުގެ އަމަލާއި ބަހާ ދިމާވާނެ ކަަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް މި ސަރުކާރަށް ވުރެ ގިނަ މަސައްކަތް ކުރި އެހެން ސަރުކާރެއް ނޯންނާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ނިމުމަށް އައި ވާހަކަ އިއުލާން ކުރެއްވި ކަމަށާއި، މިއަދު ވެސް އެކަން އޮތީ އެގޮތަށް ކަަމށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ޝަރުއީ ނިޒާމު މަސައްކަތް ކުރަމުން އަންނަނީ މިނިވަންކޮށް ކަމަށް ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ވަކި ގޮތަކަށް ކަމެއް ކުރުމަށް ސަރުކާރުން ނުވަތަ ރައީސް އޮފީހުން އެއްވެސް ކޯޓަކަށް ފޯނު ކޯލެް ނުދާނެ ކަަމަށާއި، މީގެ ކުރިން ކަންކަން ހިނގައި ދިޔައީ އެ ބީދައިން ކަަމަށެވެ. ޝަރުއީ ނިޒާމު އިސްލާޙު ކުރުމާއި، މިނިވަން ކުރުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްފައިވާނެ ކަމަށާއި، ޝަރުއީ ނިޒާމުެ ބަޖެޓު ވަކި ކުރެއްވީ ވެސް އެ މަޤުސަދުގައި ކަަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި މަރުގެ އަދަބު ދިނުން މިހާތަަނށް ތަންފީޒު ނުކުރެވި އޮތީ، ޝަރުއީ ނިޒާމު މިނިވަން ނުވާ ކަަމަށް ބުނެ ކަަމަށާއި، އެ ބަހަނާ ދައްކައިގެން ކުރީގެ ސަރުކާރު ތަކުން އެކަމުގަައި ފަހަަތަށް ޖެހުނު ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެހެން ނަމަވެސް، އެއީ ބަހަނާ އަކަށް ދައްކައިގެން ރާއްޖެގެ ކަހަލަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ފަސް ކުރެވޭނެ ކަމެއް ނޫން ކަަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެހެންކަމުން، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ، ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހު، ގިނަ ކަންތައްތަކަށް ބެއްލެވުމަށް ފަހު ކަމަށެވެ. އަދި ބިލުގެ މަރުހަލާގައި އެކަމަށް ބަހުސްތަކެއް ކުރެވޭނެ ކަަމަށާއި، މަޖިލީހުން އާންމުންގެ ޚިޔާލު ހޯދުމަށް ވެސް ހުޅުވާލައްވާނެ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް